އިދިކޮޅު ޕީޕީއެމުން މެޖޯރިޓީ ކޮންޓްރޯލް ކުރާ މާލޭ ސިޓީ ކައުންސިލުން އެކި މަގާމުތައް އުފައްދައި، ސަރުކާރު ބަދަލުވުމުން މަގާމު ގެއްލިފައި ތިބި ޕީޕީއެމްގެ އެކްޓިވިސްޓުންނަށް މަގާމްތައް ދެމުން އަންނަކަން ފާހަގަ ކުރެވިއްޖެއެވެ.

ޕީޕީއެމްގެ ސަރުކާރު އޮތް އިރު ސިޔާސީ މަގާމުތަކުގައި ތިބި، އެހެންނަމަވެސް ވެރިކަން ބަދަލުވުމުން މަގާމުތައް ގެއްލުނު ޕީޕީއެމްގެ އެކްޓިވިސްޓުންނަށް، މާލޭ ސިޓީ ކައުންސިލުން ބޮޑެތި މުސާރަތަކާއެކު މަގާމުތައް އުފަދައްވާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާއިރު، އޭގެ ބައެއް މަގާމުތަކުގެ މުސާރައަށް ސިޓީ ކައުންސިލުން މަހަކު ތިރީސް ހާސް ރުފިޔާއާ ފަންސާސް ހާސް ރުފިޔާއާ ދެމެދުގެ އަދަދެއް ހޭދަކުރާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

"ރަސް އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ރައީސް ޔާމީންގެ ވެރިކަމުގެ ފަހުކޮޅު ލަންކާ އެމްބަސެޑަރަކަށް އައްޔަނު ކުރެއްވި މުހައްމަދު ހުސެއިން ޝަރީފު، މުންދު އަދި ހޯމް މިނިސްޓްރީގައި މަސައްކަތް ކުރެއްވި ޢަބްދުﷲ މުޙައްމަދު، ބޯފަން ޢަބްދުﷲ ވެސް،

ިހާރު ވަނީ ސިޓީ ކައުންސިލުގެ ކޮންސަލްޓެންޓުންގެ ގޮތުގައި ހަމަޖައްސާފައެވެ.

ކޮންސަލްޓަންޓުންގެ ގޮތުގައި މުހައްމަދު ހުސެއިން ޝަރީފު، އަދި ޢަބްދުﷲ މުޙައްމަދު ސިޓީ ކައުންސިލްގައި މަސައްކަތް ކުރަމުންދާކަން ސިޓީ ކައުންސިލުންވަނީ މި ނޫހަށް ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް އެ މީހުންގެ މުސާރައާއި އިނާޔަތްތައް ސިޓީ ކައުންސިލުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ސަރުކާރުގެ އިދާރާތަކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަކީ އަމިއްލަ އިސްނެގުމަށް ހާމަ ކުރަން ޖެހޭ މައުލޫމާތެވެ. އެހެންނަމަވެސް ސިޓީ ކައުންސިލުން މި މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

ސިޓީ ކައުންސިލްގެ މަގާމްތަކަށް ބޮޑެތި މުސާރައާއި އެކު ޕީޕީއެމްގެ އެކްޓިވިސްޓުން ނަގާފައިވާ ކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައިވެސް އެކި ފަރާތްތަކުންވަނީ ހާމަކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކުވެސްވަނީ ޓުވިޓަރގައި އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ސިޓީ ކައުންސިލްގެ ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާ މުހައްމަދު ހުސެއިން ޝަރީފަކީ، ރައީސް ޔާމީންގެ ވެރިކަމުގައި، މިނިވަން ދުވަހުގެ ރަސްމީ ޖާފަތުގައި އާދަޔާ ޚިލާފު ބޮޑު އަގަކަށް ނިއުޕޯޓު މެދުވެރިކޮށް ސައި ހެދުމުގެ މައްސަލައާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ދައުވާކޮށްދިނުމަށް އެދި ހުށައަޅާފަައިވާ ބޭފުޅެކެވެ.

އޭސީސީން މުހައްމަދު ހުސެއިން ޝަރީފާ ދެކޮޅަށް ދައުވާކޮށްދިނުމަށް އެދި އޭރު ހުށަހަޅާފައިވަނީ އޭނާ ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުރެ، 3.7 މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް، އެފަދަ ބޮޑު މުނާސަބަތަކަށް ކެއުން ތައްޔާރުކުރުމުގެ ތަޖުރިބާ ނެތް ނިއު ޕޯޓާ ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ހުރުމުންނެވެ.



ކިޔުންތެރިންގެ ހިޔާލު