ކަސްރަތެއްގެ ގޮތުގައި ކުރަމުން އަންނަ ޔޯގާ ހަރަކާތްތަކުގައި ބައިވެރިވުމަކީ މުސްލިމުންގެ މައްޗަށް ހަރާމް ކަމެއް ކަމަށް ބަޔާންކޮށް 104 އިލްމުވެރީން ސޮއިކޮށް ޔޯގާގެ ޝަރުއީ ހުކުމް ބަޔާންކޮށް ފަތުވާއެއް ނެރެފިއެވެ.

އިލްމުވެރިންގެ ގުޅުމުގެ ފަރާތުން މިއަދު އާންމުކުރި ލިޔުމެއްގައި ބުނެފައިވަނީ، ޔޯގާއަކީ އޭގެ ޒާތުގައި ހިންދޫންގެ އަޅުކަމެއް ކަމަށާ ޔޯގާގެ ނަން ދީގެން ނުވަތަ ޔޯގާގެ ނިޔަތުގައި ޔޯގާގެ ބައިތައް މުޅިން ފުރިހަމަ ނުވާގޮތަށް ވެސް ކަންތައްތަކެއް ކުރުން ޝަރުއީ ގޮތުން ހުއްދަ ނުވާނެ ކަމަށެވެ. އެހެންކަމުން ކަސްރަތެއްގެ ނަމުގައި ވެސް ނުވަތަ އެނޫން ނަމެއްގައި ވެސް ޔޯގާ ހެދުމާއި ޔޯގާގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ މުސްލިމުންގެ މައްޗަށް ހަރާމް ކަމެއްކަމަށް އެ ފަތުވާގައި ބުނެފައިވެއެވެ.

އެ ފަތުވާގައި އިތުރަށް ބުނެފައިވަނީ، ހިންދޫން ގަބޫލުކުރާ ގޮތުގައި ޔޯގާގެ ހަރަކާތްތަކަކީ ރޫހާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ކުރެވޭ ދީނީ މުގައްދަސް ހަރަކާތެއް ކަމަށާ، އެގޮތުން މީހާގެ އެތެރެފުށުގެ އީމާންކަމާއި ރޫހާނީ ބައި ހިމެނޭ ފިކުރީ ބަޔާއި ބޭރުފުށަށް ފެންނަ އަމަލީ ބަޔާއި މައިގަނޑު ދެ ބައި ޔޯގާގައި އޮންނަ ކަމަށެވެ. ހިންދޫންނާއި ބުޑިސްޓުން ދެކޭ ގޮތުގައި ޔޯގާ ބިނާވަނީ ހަށިގަނޑުގެ ބާރާއި ނަފުސާނީ ބާރާއި ސިކުނޑީގެ ބާރާ މި ތިން އަސާސުގެ މައްޗަށް ކަމަށާ އަދި ޔޯގާގެ ފަސް ބައި ފުރިހަމަ ވުމުން އެމީހާ އެވަނީ ބަލި ވުމާއި މުސްކުޅި ވުމާއި މަރު ވުމުން ވެސް ސަލާމަތްވެފައިކަމަށް ވެސް ޔޯގާގެ ގަބޫލު ކުރުންތަކުގެ ތެރޭގައި ހިމެނޭކަމަށް އެ ފަތުވާގައި ބުނެފައިވެއެވެ.

މީގެ އިތުރުން އިންސާނާގެ ރޫހު ނެތި ފަނާވެ ދިޔުމުން ސަލާމަތް ކޮށްދެނީ އެއް ހަށިގަނޑުން އަނެއް ހަށިގަނޑަށް އެ ރޫހު ބަދަލުވެގެން ކަމަށް ހިންދޫން ގަބޫލުކުރާ ކަމަށާ އެ ފަލްސަފާގެ މައްޗަށް ބިނާކޮށް ރޫހު އެހެން ހަށިގަނޑަކަށް ބަދަލުވުމުގެ ތަމްރީނެއްގެ ގޮތުންނާއި އެއަށްފަހު އެ ރޫހު ގޮސް ބޮޑު އިލާހާ ގުޅުވުމަށް ޓަކައި ޔޯގާ ހަދަން ޖެހޭ ކަމަށް އެމީހުން ދެކޭ ކަމަށް ވެސް ބުނެފައިވެއެވެ.

އިލްމުވެރީންގެ ދިރާސާގެ އަލީގައި ނެރުނު އެ ފަތުވާގައި ބުނެފައިވަނީ ކަސްރަތުގެ ނަމުގައި ޔޯގާ ތައާރަފު ކުރުމުގައި ބުދު ދީނުގެ އަހުލުވެރީންނާއި ހިންދޫންގެ މަގުސަދަކީ ޔޯގާ މެދުވެރިކޮށް އެ މީހުންގެ ދީނަށް މީސްތަކުން ލޯބި ޖެއްސުން ކަމަށެވެ. އަދި އެދީނަށް މީސްތަކުން ވެއްދުމަށްޓަކައި ރޭވުންތެރި ހަމަހިމޭން ދައުވަތެއް ދިނުމާއި ރީތި ނަމެއްގައި ރަނގަޅު ޝިއާރުތަކެއްގެ ދަށުން ބުދު ދީނާއި ހިންދޫ ދީން ކުރިއެރުވުން ކަމަށެވެ.

އިލްމުވެރިން ބުނެފައިވަނީ، 15 މެއި އިން 18 ޖުލައި އާއި ދެމެދު ކުރެވުނު އިލްމީ ދިރާސާތަކުން ކަސްރަތެއްގެ ނަމުގައި ވެސް ނުވަތަ އެނޫން ނަމެއްގައި ވެސް ޔޯގާ ހެދުމާއި އެފަދަ ހަރަކާތްތަކުގައި ބައިވެރިވުމަކީ މުސްލިމުންގެ މައްޗަށް ހަރާމް ކަމެއްކަން އެނގިގެން ދާކަމަށާ އެހެންކަމުން އެފަދަ ކަންކަމުން ދުރުހެލިވުމަށް ނަސޭހަތްތެރިވާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު