ގައުމުގައި ދީނީ ބައިބައިވުމަށް ޖާގަ ނުދީ، އިސްލާމީ ފަތުވާ މަޖިލިސް "އެކްޓިވޭޓް ކުރަން" ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ގޮވާލައްވައިފިއެވެ.

ޔޯގާ ހެދުމާ ބެހޭގޮތުން ރާއްޖޭގައި މިހާރު ކުރެވެމުންދާ ބަހުސާއި ގުޅިގެން އަދާލަތު ޕާޓީގެ ގިނަ އިލްމުވެރިންތަކެއް ހިމެނޭހެން ނެރުނު ފަތުވާ ކަރުދާހެއްގައި، ޔޯގާ އަކީ ހަރާމް ކަމެއްކަމަށް ބުނެފައިވާ މައްސަލައިގައި އިތުރު ބަހުސްތައް އުފެދިފައިވަނިކޮށް ޑރ. ޝަހީމް މިއަދު ވަނީ ރާއްޖޭގެ ފަތުވާ ކައުންސިލް ހަރަކާތްތެރި ކުރުމަށް ތަކުރާރުކޮށް ގޮވާލައްވާފައެވެ. އަދި ދީނީ ގޮތުން ގައުމު ބައިބައިވުމަށް ޖާގަ ނުދެއްވުމަށް ވެސް ޝަހީމް ވަނީ ގޮވާލައްވާފައެވެ.

ޑރ. ޝަހީމް މީގެ ކުރިން ވެސް ވަނީ ރާއްޖޭގެ ފަތުވާ މަޖިލިސް ހަރަކާތްތެރި ކުރުމަށް ގޮވާލައްވާފައެވެ.



ޝަހީމް މިފަދައިން ވިދާޅުވެފައިވާއިރު، ޔޯގާ ދުވަހާ ގުޅިގެން ހިނގި ހަމަނުޖެހުމުގެ ކުރިން އެކަމަކީ ހުއްދަކަމެއް ނޫންކަމަށް ބުނެ އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ފޮނުވިކަމަށް ބުނާ ސިޓީއެއް ލީކުވިއެވެ. އެއާއިއެކު އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ އެ ސިޓީއަކީ ފޮނުވި ސިޓީއެއް ނޫންކަމަށާއި، ޔޯގާއާއި ގުޅޭގޮތުން ފަތުވާ މަޖިލީހުގެ ފަތުވާއެއް ނެރޭނެކަމަށެވެ.

ނަމަވެސް، މިހާތަނަށް ވެސް އެ މަޖިލީހުން ޔޯގާ މައްސަލާގައި ފަތުވާއެއް ނެރެފައެއް ނުވެއެވެ.

މިފަދަ ކަންކަމުގައި ޒިންމާ ނަންގަވަން ޖެހޭ މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރަކީ ޔޯގާ މައްސަލައިގައި އެންމެ ބޮޑަށް ފާޑުކިޔައި ބަހުސް ކުރަމުން މިހާރުވެސް ގެންދާ ޢިލްމްވެރިން ތަމްސީލު ކުރާ އަދާލަތު ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު