ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަނީ ރައްޔިތުން ބިރުގަންނަވަން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިވަން ދުވަހާއި ގުޅިގެން ރާއްޖޭގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، ރާއްޖޭގައި މިނިވަންކަން ނެތިގެން ކަންބޮޑުވެގެން އުޅޭ މީހަކު އެކަމަނާއަށް ފެނިވަޑަައިނުގަންނަވާ ކަމަށެވެ. ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކަނީ ރައްޔިތުން ބިރުގެންނެވުމަށް ކަމަށާއި ހަމަ ވިސްނޭ އެކަކު ވެސް އެވާހަކަތަކާއި މެދު ކަންބޮޑުނުވާ ކަމަށް މާރިޔާ ވިދާޅުވިއެެވެ.

"މިނިވަންކަމޭ އިސްގިތުލާލޭ ކިޔައިގެން ދައްކާ ވާހަަކައަކީ ރައްޔިތުންގެ ހިތުގެ ތެރޭގައި ބިރުގަންނުވާނަމޭ ހިތާ ދައްކާ ވާހަކަ. އަޅުގަނޑަކަށް ހިއެެއް ނުވޭ ހަމަ ވިިސްނޭ އެކަކު ވެސް އެކަމާ މެދު ކަންބޮޑުވެގެން އުޅޭ ހެނެއް. ދެން މިހުންނަނީ ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެއްދުމަށް ދައްކާ ވާހަކަ. އެވާހަކަ ތަކަށް ނުބަލައި އަޅުގަނޑުމެން މި ބަލަނީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދޭން." މާރިޔާ ވިދާޅުވިއެވެ.

މިނިވަން ދުވަހާއި ގުޅިގެން އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވީ ގައުމުގެ ވަތުބަތާނަ ވިއްކާލި ބަޔަކަށް ރާއްޖޭގެ ސިޔާދަތު ރައްކާތެރި ނުކުރެވޭނެ ކަމަށެވެ. އަދި ގައުމުގެ ސިޔާދަތީ ބާރުތައް ވިއްކާލި ބަޔަކަށް ގައުމުގެ މިނިވަންކަން ކުލަގަދަކޮށް ފާހަގަނުކުރާނެ ކަމަށާއި ގައުމިއްޔަތު ނުދިރުވާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގައުމުގެ މިނިވަންކަން ހޯދުމަށް ރައްޔިތުން އަތާއި އަތް ގުޅާލައިގެން ވަރުގަދަ އަށް ޖިހާދު ކުރަންޖެހޭ ކަމަށެވެ.

އާދަމް ޝަރީފް ސަރުކާރަށް ފާޑުވިދާޅުވީ ޚަރަދު ކުޑަކުރަން މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ނުބޭއްވުމަށް ސަރުކާރުން ނިއްމުމުންނެެވެ. މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ނުބޭއްވި ނަމަވެސް ރައީސް ސާލިޙު ވަނީ ގައުމާއި މުޚާތަބު ކުރަށްވާފައެވެެ. މީގެ އިތުރުން މިނިވަން ދުވަސް ފާހަގަކުރުމަށް ދިދަ ނެގުމުގެ ރަސްމިއްޔާތާއި ސިފައިން ޕެެރޭޑް ވެސް އިއްޔެ ވަނީ ބާއްވާފައެވެ.

ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު