ރާއްޖެއަށް ދީފާނެ ޓެރަރިޒަމްގެ ހަމަލާ އަކަށް ތައްޔާރުވާނެ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ހޯދާފައިވާ ކަމަށް ޗީފް އޮފް ޑިފެންސްފޯރސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލު މިއަދު ވިދާޅުވެއްޖެއެވެ.

ޗީފް އޮފް ޑިފެންސްފޯރސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލު މިހެން ވިދާޅުވީ މިނިވަންދުވަހުގެ މުނާސަބަތުގައި ރާއްޖެޓީވީން ކުރިއަށްގެންދިޔަ ކަވަރޭޖަށް ދެއްވި އިންޓަވިއު އެއްގައެވެ. ޗީފް އޮފް ޑިފެންސްފޯރސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވީ ޓެރަރިޒަމްގެ ހަމަލާ އަކަށް ތައްޔާރުވުމަށް ސިފައިންގެ ގާބިލްކަން އިތުރުކޮށްފައިވާ ކަމަށެވެ.

އެގޮތުން ޓެރަރިޒަމްގެ ހަމަލާ އަކަށް ތައްޔާރުވުމަށް ރާއްޖެއިން އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް މިހާރު ހޯދާފައިވާ ކަމަށް ޝަމާލް ވިދާޅުވިއެވެ. އަދި ގައުމީ ދިފާއީ ބާރުގެ އެއްގަމުގެ ލަޝްކަރު މެރިންކޯ، ތެރޭގައި ޝްޕެޝަލް އޮޕަރޭޝަން ގުރޫޕެއް އުފައްދައި އެލީޓް ޔުނިޓެއް މިހާރު ގާއިމް ކޮށްފައިވާއިރު އަމާޒަކީ ޓެރަރިޒަމްގެ ހަމަލާއަކަށް ރަނގަޅަށް ކުރިމަތިލުން ކަމަށް ޝަމާލް ވިދާޅުވިއެވެ.

"މިއަދު އިރާދަކުރެއްވިޔާ އެންމެ ގާބިލް ރަނގަޅު ބޭނުންކުރެވޭނެ ކަހަަލަ ހަތިޔާރު ވަނީ ހޯދިފައި. އޭގެ ތެރޭގައި ވަކިން ޚާއްސަކޮށް މެރިން އޮޕަރޭޝަނަށް ބޭނުންވާ ހަތިޔާރު، އޭކޭ 47 ބަޑީގެ ވާހަކަ ގިނަ ބަޔަކު އަޑު އަހާނެ، މީގެވެސް އެންމެ ފަހުގެ މޮޑެލް، އޭގެތެރޭގައި ޓެލެސްކޯޕް އެންސައިރެޓް ކެޕޭސިޓީ އަދި އެއާއެކު ސައިޓްތަކާއެކު މިހާރު އަޅުގަނޑުމެންނަށް ހޯދިފައިވަނީ، މީގެ މައިގަނޑު އަމާޒަކީ ޓެރަރިޒަމްގެ ހަމަލާ އަކަށް އަޅުގަނޑުމެން ތައްޔާރުވުމަށްޓަކައި." ޝަމާލް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަމާލް ވިދާޅުވީ އެހެން ގައުމުތަކާއި އަޅައިބަލާއިރު، ދިވެހި ދިފާއީ ބާރަކީ ކުޑަ ބާރެއް ކަމަށާއި، އެހެންނަމަވެސް ދިވެހި ދިފާއީ ބާރުގެ ދައުރު ވަރަށް ފުޅާކަމަށެވެ. ޝަމާލް ވިދާޅުވީ ކޯސްޓްގާޑް ފުޅާކުރުމަކީ ދިފާއީބާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ.

އެގޮތުން އިތުރު ވަސީލަތްތައް ހޯދުމާއި އިތުރު ޕްލެޓްފޯމް ހޯދުން މީގައި ހިމެނޭ ކަމަށާއި، މީގެ ތެރޭގައި ވައިގެ މަގުންނާއި ކަނޑުމަގުން ބޭނުންކުރާނެ އުޅަނދު ހޯދުމާއި، އިންފްރާސްޓްރަކްޗަރއާއި މީހުން ބިނާކުރުމުގެ މަސައްކަތްތައް ކުރަންޖެހޭކަމަށް ޝަމާލް ވިދާޅުވިއެވެ. އެގޮތުން މިދިޔަ 2 އަހަރެއްހާ ދުވަހެއްގެ ތެރޭގައި ކޯސްޓްގާޑުގެ ފްލީޓަށް ކޯސްޓްގާޑް ޝިޕް ކާމިޔާބު އިތުރުކުރެވިފައިވާ ކަމަށް ޝަމާލް ވިދާޅުވިއެވެ. 



ކިޔުންތެރިންގެ ހިޔާލު