މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވި "މިލިޓަރީ ޕެރޭޑް އެންޑް ޕްރޮސެޝަން" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ދެކަނބަލުން ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި މި ޙަރަކާތް އޮތީ މިއަދު ހަވީރު ޖުމްހޫރީ މައިދާން ކުރިމަތީގައެވެ.

އަސްކަރީ ޕެރޭޑާއި ޕްރޮސެޝަން ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޖުމްހޫރީ މައިދާން ކުރިމައްޗަށް ވަޑައިގެންނެވުމުން، އެދެކަނބަލުންނަށް މަރުހަބާ ދެންނެވީ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއެވެ.

މި ޙަރަކާތުގައި ދިވެހި ސިފައިން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އަރުވާފައެވެ. އަދި، އެއަށްފަހު ދިވެހި ސިފައިންގެ ބޭންޑުން ޤައުމީ ސަލާމް ކުޅުނެވެ. މި ޙަރަކާތް ނިންމާލާފައިވަނީ އަސްކަރީ ޕެރޭޑާއި ޕްރޮސެޝަނުންނެވެ.

އަސްކަރީ ޕެރޭޑާއި ޕްރޮސެޝަން ބައްލަވާލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. އަދި އާންމުންގެ ގިނަ ބަޔަކު ބައިވެރިވެރިވެލެއްވިއެވެ.



ޖުމްހޫރީ މައިދާން ސަރަޙައްދުން ފެށި މި ޕެރޭޑު ދަތުރުކޮށްފައިވަނީ އަމީރުއަޙްމަދު މަގުން އިރަށްގޮސް، ސޯސަންމަގަށް އަޅައިގެން ދެކުނަށްގޮސް، މަޖީދީމަގުން ހުޅަނގަށްގޮސް ރަސްފަންނު ކައިރިން ބޮޑުތަކުރުފާނު މަގުންގޮސް ކަޅުތުއްކަލާކޮށްޓަށެވެ.

ޕެރޭޑުގެ ތެރެއިން މާލޭގެ ޖުމްލަ 5 ސަރަޙައްދެއްގައި ޤައުމީ ސިފައިންގެ ލަޝްކަރު މަޑުކޮށްފައިވެއެވެ.

ޤައުމީ ދިފާޢީ ބާރުން ކުރިއަށްގެންދިޔަ މިލިޓަރީ ޕެރޭޑް އެންޑް ޕްރޮސެޝަންގައި ސިފައިންގެ ގެމަތަކާއެކު ސަރވިސް އުޅަނދުތަކާއި، އާމަޑް ޑީޓެއިލެއްވެސް ދައްކާލާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު