ރާއްޖެ އާއި ޗައިނާގެ ގުޅުން އާ ހަރުފަތަކަށް ގެންދަން މަސައްކަތް ކުރަށްވާނެ ކަމުގެ ޔަގީންކަން އެގައުމުން ރާއްޖެއަށް ކަނޑައަޅާފައިހުންނަވާ ސަފީރު ވާންގް ލިޖިން ދެއްވައިފިއެވެ.

ޗައިނާގެ ސަފީރު ވާންގް ލިޖިން މި ޔަގީންކަން ދެއްވީ ރާއްޖޭގެ 57 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައެވެ. ޗައިނާގެ ސަފީރު ވިދާޅުވީރާއްޖެއާއި ޗައިނާއާއި ދެމެދުގައި އޮތީ ދެގައުމަށް ވެސް ފައިދާހުރި އަވަށްޓެރި ގުޅުމެއް ކަމަށެވެ. އަދި އެ ގުޅުން އިތުރަށް ހަރުދަނާކޮށް، އާ ހަރުފަތަކަށް ގެންދަން މަސައްކަތް ކުރަށްވާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.



ޗައިނާގެ ސަފީރު ވިދާޅުވީ ތަފާތު އެކި ދާއިރާތަކުން ދެގައުމުގެ ދެމެދުގައި އޮތް، ދެފަރާތަށް ފައިދާހުރި އެއްބާރުލުން އިތުރަށް ކުރިއަރުވަން އެގައުމުން އެދޭ ކަމަށެވެ. އެކަމަށްޓަކައި އެގައުމުން އިތުރަށް މަސައްކަތް ކުރާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

ޗައިނާގެ ސަފީރު ވަނީ ރައީސް ޝީޖިންޕިންގެ ފަރާތްޕުޅުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި ދިވެހި ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައި ޗައިނާގެ ރައްޔިތުންގެ ނަމުގައި ދިވެހިންނަށް އުފާފާގަތިކަމަށް އެދިވަޑައިގެންފައެވެ.

ޗައިނާގެ އެހީގައި ރާއްޖޭގައި ބޮޑެތި ގިނަ މަޝްރޫއުތަކެއް ހިންގާފައިވާއިރު މިހާރުވެސް އެފަދަ ބޮޑެތި މަޝްރޫޢުތައް ޗައިނާގެ އެހީގައި ހިންގަމުން އެބަދެއެވެ. އެގައުމުން އަންނަނީ ރާއްޖޭގެ އުމްރާނީ ތަރައްގީއަށް ގިނަ ގުނަ އެހީތަކެއް ފޯރުކޮށްދެމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު