ޔޯގާއާއި ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކައަށް ދީނީ އިލްމްވެރިޔާ ޑރ. މުހައްމަދު އިޔާޒް ރައްދު ދެއްވައިފިއެވެ.

ޔޯގާ އަކީ ޝިރުކެއްކަން ދަންނަބޭކަލުންގެ އިޖްމާއެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު އެގޮތަށް ވިދާޅުވީ ޔޯގާ ހެދުމަކީ ހިންދޫ ދީނުގެ އަޅުކަމެއް ކަމަށްވާތީ އެހަރަކާތުގައި ޝިރުކު އެކުލެވޭކަމަށް ބުނެ އެކަން ކުރުން މުސްލިމުންނަށް ހުއްދަ ނުވާނެ ކަމަށް ނިންމައި އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުން އިއްޔެ ފަތުވާ އެއް އާންމުކުރުމާއި ގުޅިގެންނެވެެ.

އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ ނާއިބް ރައީސް ޑރ. މުހައްމަދު އިޔާޒްވިދާޅުވީ، ކޮންމެ ކަމެއްގައި އިޖުމާއު އޮންނާކަށް ނުޖެހޭ ކަމަށެވެ. އަދި ޔޯގާ ހަރާމްކަމަށް ބުނެވެނީ ވަކި ބޭފުޅެއްގެ ފަލްސަފާއަކަށް ނުވަތަ ހަވާނަފްސަށް ބުރަވެގެނެއް ނޫން ކަމަށްވެސް އިޔާޒް ވިދާޅުވިއެވެ.



"ޔޯގާ ޙަރާމްކަމަށް ބުނެވެނީ ވަކިބޭފުޅެއްގެ ފަލްސަފާއަކަށް، ހަވާނަފްސަށް ބުރަވެގެންނެއް ނޫން. ދަލީލުތަކާއި އެކަމުގެ އަޞްލު އައިސްފައިވާ ގޮތްތަކަށް ރިޢާޔަތްކޮށްގެން. އިސްލާމްދީނުގެ ކަންތައްތަކުގެ ވާހަކަ ދެއްކޭނީ އެކަމުގެ އަހްލުވެރިންނަށް." ރައީސް ނަޝީދަށް ރައްދު ދެއްވަމުން ޑރ. އިޔާޒް ވިދާޅުވިއެވެ.

ޑރ. އިޔާޒް އިތުރަށް ވިދާޅުވީ‏ ދީނީ ކަންކަމުގައި ބަސްބުނުމުގެ ލައިސަންސްނެތި، މީސްތަކުންނަށް ޙައްޤާއި ބާޠިލް އޮޅޭފަދަ ގޮތަކަށް ރައީސް ނަޝީދު ޢަމަލުކުރައްވާފައިވާތީ އިސްލާމިކް މިނިސްޓްރީން އެމަނިކުފާނަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

ޔޯގާ ހެދުމުގައި ބައިވެރިވުމަކީ މުސްލިމުންނަށް ހުއްދަކަމެއް ނޫންކަމަށް އަދާލަތު ޕާޓީން ބުނުމާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ވަކި ބައެއްގެ ފަލްސަފާ އަކީ އިސްލާމްދީނުގެ ހުކުމެއް ކަމަށް ބަލައިގަންނަން ދަތި ކަމަށެވެ. ރައީސް ނަޝީދު ކުރެއްވި ޓުވީޓާއި ގުޅިގެން ގިނަ އަދަދެއްގެ ދީނީ އިލްމްވެރިންގެ ފާޑުކިޔުން އެމަނިކުފާނަށް ވަނީ އަމާޒުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު