ޔޯގާ ހެދުމަކީ ޝިރުކެއް ކަމަށް ދަންނަބޭކަލުންގެ އިޖުމާއެއް ނެތް ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަދާލަތު ޕާޓީއަށް ރައްދު ދެއްވައިފި އެވެ.

ޔޯގާ ހެދުން ނުވަތަ ޔޯގާ އަކީ ހިންދޫ ދީނުގެ އަޅުކަމެއް ކަމަށާއިި އެކަމުގައި ބައިވެރިވުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫން ކަމަށް އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުން ވަނީ ނިންމާފައެވެ.

އަދާލަތު ޕާޓީން ވަނީ ޔޯގާ ހެދުމާއި ގުޅޭގޮތުން އެޕާޓީގެ ޢިލްމުވެރިންގެ ދިރާސާއެއްކޮށް، ޔޯގާއަކީ ހިންދޫ ދީނުގެ އަޅުކަމެއްކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަގީންވާ ކަމަށް ނިންމައި ކަރުދާހެއް އާންމުކޮށްފައެވެ. އެފަތުވާގައި ޖުމުހޫރީ އިލްމްވެރިންގެ ރައުޔު ވެސް ވަނީ ހިމަނާފައެވެ.

އެކަމާއި ގުޅިގެން މިވަގުތު ޝީޝެލްގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ޔޯގާ އަކީ ޝިރުކެއް ކަމަށް ދަންނަ ބޭކަލުންގެ އިޖުމާއެއް ނެތް ކަމަށެވެ. އަދި ވަކި ބައެއްގެ ފަލްސަފާ އަކީ އިސްލާމް ދީނުގެ ހުކުމެއް ކަމަށް ބަލައިގަންނަން ދަތި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



ދަންނަ ބޭކަލުންގެ އިޖްމާއު ކަމަށް ބުނެފައިވަނީ ގުރުއާނާއި ސުންނަތުގައި ހުކުމެއް ނެތް ކަމަކަށް ދަންނަ ބޭކަލުންގެ އިއްތިފާގުން ހުކުމެއް ކަނޑައެޅުމެވެ.

އަދާލަތު ޕާޓީން ބުނީ ޔޯގާގެ ޙަރަކާތްތަކާއި ޢަމަލުތަކުގެ އަސްލަކީ ހިންދޫ ދީނުގެ ކަމެއްކަން ސާފުވެ ބަޔާންވެގެން ދިޔަހިނދު، އިސްލާމީ ދިވެހި މި ދީބުގައި މިފަދަ ކަމެއް ފެތުރި އާއްމުވެ ދިޔަނުދިނުމަށް އިންތިހާއަށް ސަމާލުވާންޖެހޭ ކަމަށެވެ. އެގޮތުން މިކަންކަމަށް ސަމާލުވެ އިސްލާމީ އަސާސްތަކާއި އުސޫލުތައް ހިފަހައްޓާ ނެގެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އަށާއި ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކަށާއި ރައްޔިތުންނަށް އެޕާޓީން ވަނީ އިލްތިމާސްކޮށްފަަ އެވެ.

އަދާލަތު ޕާޓީގެ މިރަޢުޔަށް މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވަނީ ތާޢީދު ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު