ރ. ދުވާފަރު ކައުންސިލުން ހިންގިކަމަށް އެލްޖީއޭއިން ހާމަކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލައާއި ގުޅިގެން އެ ކައުންސިލްގެ އިންކްއަރީއެއް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

ދުވާފަރު ކައުންސިލުގެ ބައެއް މެންބަރުންނާއި، އެ އިދާރާގެ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް، ވާނުވާ ނޭނގޭ ގޮތަށް އެ ކައުންސިލުގެ ބަޖެޓުން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަދެފައިވާކަމަށް އެލްޖީއޭއިން އެކުލަވާލި ޚާއްސަ މޮނިޓަރިން ރިޕޯޓަކުން ވަނީ ހާމަވެފައެވެ. އެލްޖީއޭއިން ހާމަކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލަ އޭސީސީއަށް މިހާރު ވަނީ ހުށައަޅާފައެވެ.

އެކަމާ ގުޅިގެން އެލްޖީއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ މޮނިޓަރިން ރިޕޯޓް އާންމުކުރުމުގެ ކުރިން މޮނިޓަރިންގައި ފާހަގަކޮށްފައިވާ މައްސަލަތަކަށް އާންމު އުސޫލުގެ ތެރެއިން ޖަވާބުދާރީވުމަށް ކައުންސިލަށް ދޭންޖެހޭ އެކަށީގެންވާ މުއްދަތު ދީފައިވާނެ ކަމަށެވެ. އަދި އެ ރިޕޯޓްގައި ފާހަގަކުރެވުނު މައްސަލަތައް ތަހުގީގުކޮށް އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ތަހުގީގީ އިދާރާތަކުގައި އެދިފައިވާނެ ކަމަށްވެޒް އެލްޖީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެެ.



"އޭގެ އިތުރުން މި އޮތޯރިޓީން ރ. ދުވާފަރު ކައުންސިލްގެ އިންކްއަރީއެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ވާހަކަ ދަންނަވަމެެވެ." ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އެލްޖީއޭއިން ނެރުނު ބަޔާނުގައިވެއެވެ.

އެލްޖީއޭއިން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ ލާމަރުކަޒީ ގާނޫނާއި، އެގާނޫނުގެ ދަށުން އެލްޖީއޭއިން އާންމުކޮށްފައިވާ އުސޫލުތަކާއި މާލިއްޔަތު ގާނޫނާއި، މާލިއްޔަތު ގަވާއިދާއި އަދިވެސް އެހެނިހެން ކަންކަމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކަށް އެ ކައުންސިލުން އަމަލު ނުކުރާކަމަށެވެ. އެގޮތުން ކައުންސިލަރުންގެ ޒިންމާތަކާއި، ވާޖިބުތައް އަދާކުރުމުގައި، ފަރުވާ ކުޑަކުރާ ކަމަށާއި، ކައުންސިލުން ބަލަހައްޓަންޖެހޭ އެއްވެސް ލިޔެކިޔުމެއް ގާނޫނުތަކާއި، ގަވާއިދުތަކާ އެއްގޮތަށް ބަލަހައްޓަމުން ނުގެންދާ ކަމަށް އެ ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެެ.

މީގެ އިތުރުން ދައުލަތުގެ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރުމާއި، ނަގުދު ފައިސާއިން އެއްވެސް ހުއްދައެއް އަދި ލިޔެކިޔުމެއް ނެތި މުވައްޒަފުންނަށް ގިނަ އަދަދެއްގެ ފައިސާ ހަވާލުކޮށްފައިވާކަމަށްވެޒް ރިޕޯޓުގައި ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު