ޔޯގާއަކީ ހިންދޫ ދީނުގެ އަޅުކަމެއްކަން އެއްވެސް ޝައްކެއް ނެތް މިންވަރަށް ޔަގީންވާ ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ބުނެފިއެވެެ.

ޔޯގާއާ ގުޅޭގޮތުން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން އެކުލަވާލި ކަރުދާހެއްގައި ބުނީ ޔޯގާ ކުރުމުގެ ތެރޭގައި ހިންދޫ ދީނުގެ ޚާއްޞަ ކަންތައްތަކެއް އިޢުތިޤާދު ކުރުމާއިއެކު ޔޯގާ ހަދާއިރު ހިންދޫ ކަލާނގެއަށް ނިސްބަތްވާ ގޮތަށް ޚާއްޞަ ކަލިމަތަކެއް ކިޔަން ޖެހޭ ކަމަށެވެ.

އެގޮތުން އެކަމުގެ ތެރޭގައި ކުރާ އިޢުތިޤާދު ތަކަށް ބަލާއިރު މީހާ މަރުވުމަށްފަހު ރޫޙު އެހެން މަޚްލޫޤަކަށް ބަދަލުވާކަމާއި މަތިވެރި އިލާހާއެކުވާކަމާއި އަދި އިރު ކަލާނގެ މަތިވެރި ކުރުންފަދަ އެތައް އިޢުތިޤާދުތައް ޔޯގާގެތެރޭގައި ހިމެނިގެންވާ ކަމަށް އެކަރުދާހުގައި ވެއެވެ.

ނަމަވެސް ހުޅަނގުގެ ގައުމުތަކުގައި ޔޯގާ ފެތުރި މަޝްހޫރުވެފައިވަނީ ޞިއްޙީގޮތުންނާއި ހަށިގަނޑުގެ ދުޅަހެޔޮކަމުގެ ގޮތުންނާއި ނަފްސަށް ދެވޭ ފަރުވާއެއްގެ ގޮތުން ކުރާކަމެއްގެ ގޮތުގައި ކަމަށާއި މިކަން ހުޅަނގަށް ތަޢާރަފްވީ، ކަމުގެ އަސްލު ގުޅިފައިވީ ހިންދީ ދީނުގެ މުޢައްލިމުންގެ ފަރާތުން ކަމަށް އަދާލަތުން ބުންޏެވެެ.

އަދާލަތު ޕާޓީން ބުނީ އެބައި މީހުންގެ މަޤްޞަދަކަށް ވެފައިވަނީ އެބައިމީހުންގެ ދީނުގެ މި ޚާއްޞަ އަޅުކަން ފަތުރާ ގިނަބަޔަކަށް ފޯރުކޮށްދިނުން ކަމަށާއި އެހެންކަމުން ޔޯގާ ގުޅިފައިވަނީ ހިންދީ ޢަޤީދާއަށް ކަމަށް ހުޅަނގުގެ މީހުންވެސް އިޢުތިރާފްވާ ކަމަށެވެ.

"މި އެންމެހާ ކަންކަމަށް ބަލާއިރު މިއީ ހިންދޫ ދީނުގެ މަތިވެރި އަޅުކަމެއްކަން އެނގި ސާފުވެގެންދޭ." އަދާލަތުން ބުނެފައިވެ އެވެ.

އަދާލަތުން ބުނީ ޔޯގާ އަކީ ވަކި ދީނަކާއި ނުވަތަ އަޤީދާ އަކާ ގުޅުމެއް ނެތޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެެ. ޔޯގާއަކީ ހިންދޫ ދީނުގެ އަޅުކަމެއްކަށް އެއްވެސް ޝައްކެތްނެތް މިންވަރަށް ޔަޤީންވާ ކަމަށާއި އަދި ހިންދޫން ފިޔަވާ އެހެން މީހުންނަށްވެސް މިކަން ތަޢާރަފް ވެފައިވަނީ ހިންދޫންގެ ފަރާތުން ކަމަށް އަދާލަތު ޕާޓީން ބުނެފައިވެއެވެ.

"އެހެންކަމުން ޔޯގާ ހެދުން ވެގެންދަނީ ހިންދޫ ދީނުގެ ތެރެއިން. ނުވަތަ ހިންދޫ ދީނަށް އަޅުކަން ކުރާ މީހުންނާއި އެއްގޮތްވުންތަކެއް ހިމެނޭ ކަމެއްގެ ގޮތުގައި." އަދާލަތުން ބުންޏެވެެ.

އަދާލަތު ޕާޓީން ބުނީ ޔޯގާގެ ޙަރަކާތްތަކާއި ޢަމަލުތަކުގެ އަސްލަކީ ހިންދޫ ދީނުގެ ކަމެއްކަން ސާފުވެ ބަޔާންވެގެން ދިޔަހިނދު، އިސްލާމީ ދިވެހި މި ދީބުގައި މިފަދަ ކަމެއް ފެތުރި އާއްމުވެ ދިޔަނުދިނުމަށް އިންތިހާއަށް ސަމާލުވާންޖެހޭ ކަމަށެވެ. އެގޮތުން މިކަންކަމަށް ސަމާލުވެ އިސްލާމީ އަސާސްތަކާއި އުސޫލުތައް ހިފަހައްޓާ ނެގެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އަށާއި ކަމާ ގުޅުންހުރި އެންމެހާ މުއައްސަސާތަކަށާއި ރައްޔިތުންނަށް އެޕާޓީން ވަނީ އިލްތިމާސްކޮށްފަަ އެވެ.



ކިޔުންތެރިންގެ ހިޔާލު