ސްރީލަންކާގެ ރައީސްކަމުގެ މަޤާމުން މިމަހު އިސްތިއުފާދެއްވުމަށްފަހު ސިންގަޕޫރުގައި މިހާރު ހުންނެވި ގޮޓަބަޔާ ރާޖަޕަކްސަ ހައްޔަރުކުރަން ސިންގަޕޫގެ ބަންޑާރަ ނާއިބުގެ އޮފީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ގޮޓަބަޔާ ހައްޔަރުކުރުމުގެ މައްސަލަ ސިންގަޕޫގެ ބަންޑާރަ ނާއިބުގެ އޮފީހަށް ހުށަހަޅާފައި ވަނީ ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގައި ހިންގި އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ މައުލޫމާތު އެއްކުރަމުންދާ ޖަމުޢިއްޔާއެއް ކަމުގައިވާ އިންޓަރނޭޝަނަލް ޓްރުތު އެންޑް ޖަސްޓިސް ޕްރޮޖެކްޓް (އައި.ޓީ.ޖޭ.ޕީ)އިންނެވެ.

އެ ފަރާތުން ތުހުމަތުކުރާ ގޮތުގައި ސްރީލަންކާގެ ދާހިލީ ހަނގުރާމަ ނިމުނުއިރު އެ ޤައުމުގެ ޑިފެންސް މިނިސްޓަރަކަށް ހުންނެވި ގޮޓަބަޔާ ރާޖަޕަކްސަ ވަނީ ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ ތެރެއިން ޖެނީވާ ކޮންވެންޝަނާ ޚިލާފު އެތަކެއް ޖަރީމާތަކެއް ހިންގަވާފައެވެ. އަދި މައްސަލަ ހުށަހަޅާފައިވަނީ އެކަށީގެންވާ ހެއްކާއި ގަރީނާއާއެކުކަމަށްވެސް އައި.ޓީ.ޖޭ.ޕީން ބުނެއެވެ.

ގޮޓަބަޔާއާ ދެކޮޅަށް ސިންގަޕޫރުގެ ބަންޑާރަ ނާއިބުގެ އޮފީހަށް ހުށަހެޅި މައްސަލައާމެދު އެ ޤައުމުގެ އޮފިޝަލުން ވަކި އެއްޗެއް ނުބުނެއެވެ. ބޮޑަށް ބެލެވޭ ގޮތުގައި މިމައްސަލައެއް ނުހިނގާނެއެވެ. އެއީ މީގެކުރިންވެސް މިފަދަ މައްސަލަތަކުގައި ކަންކަންވެފައި ހުރި ގޮތުންނެވެ.

ސްރީލަންކާގައި ހިނގަމުންދިޔަ ހަމަނުޖެހުންތަކާއެކު ޕްރެޝަރު ބޮޑުވެގެން ޖުލައިމަހުގެ 13 ވަަނަ ދުވަހު ގައުމު ދޫކުރެއްވުމަށްފަހު ގޮޓަބަޔާ އިސްތިއުފާ ދެއްވީ ޖުލައިމަހުގެ 15 ވަނަ ދުވަހު ސިންގަޕޫރަށް ވަޑައިގަތުމަށްފަހުއެވެ. އޭނާ ސިންގަޕޫރަށް ވަޑައިގަތީ ރާއްޖޭގައި އެއް ދުވަސް ހޭދަކުރެއްވުމަށްފަހުއެވެ.

ސިންގަޕޫރުގެ އޮފިޝަލުން ބުނާގޮތުން ގޮޓަަބަޔާ ސިންގަޕޫރުގެ ހިމާޔަތަށް އެދިފައެއް ނުވެއެވެ. އަދި އޭނާއަށް ހިމާޔަތްދީފައެއްވެސް ނުވެއެވެ. ބެލެވޭގޮތުގައި ގޮޓަބަޔާ ސިންގަޕޫރުގައި މަޑުކުރައްވާނީ މިމަހުގެ ނިޔަލަށެވެ. އެއީ ސިންގަޕޫރުގައި މަޑުކުރުމަށް އޭނާއަށް ދީފައި ވަނީ 15 ދުވަސްކަމަށްވުމުންނެވެ. އަދި އޭގެފަހުން އޭނާ ހިމާޔަތް ހޯދައިގެން ވަޑައިގަންނަވާނެ ތަނެއް ސާފެއް ނޫނެވެ.



ކިޔުންތެރިންގެ ހިޔާލު