ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތެއް ހިނގަމުން ދަނިކޮށް ފުލުހުންގެ ސެކިއުރިޓީ ފޫ އަޅުވާލުމަށްފަހު ބަޔަކު ވަދެ ހަމަނުޖެހުން ހިންގުމުގައި ފުލުުހުންގެ އިހުމާލު އޮތް މިންވަރު ބެލުމަށް ކުރިއަށްގެންދިޔަ އިންކުއަރީ ނިމިފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

މިދިޔަމަހުގެ 21 ވަނަ ދުވަހު ދަނޑުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ގިނަ ބަޔަކު ވަނީ ފުލުހުންނަށް ފާޑު ކިޔާފައެވެ. އަދި އެކަން އެހެން ދިމާވީ ފުލުހުންގެ އިހުމާލުންކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ފުލުހުންވެސް ވަނީ އެ ދުވަހުގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ފެއިލްވެފައިވާކަމަށް އިއުތިރާފްވެފައެވެ. މިކަމާއި ގުޅިގެން ފުލުހުންގެ އެތެރޭގެ ތަހުޤީގެއް ވަނީ ހިންގާފައެވެ.

މިކަމާއި ގުޅޭގޮތުން މީީޑިއާއަކަށް މައުލޫމާތުދެމުން ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވީ ފުލުހުންގެ އިންކުއަރީ ނިމިފައިވާކަމަށެވެ. އަދި އެ އިންކުއަރީގެ ކަމިޝަނަރ އޮފް ޕޮލިސްއާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އާ ހިއްސާކޮށްފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. މީގެއިތުރުން ޔޯގާ ދުވަހުގެ ހަމަނުޖެހުން ތަހުޤީޤްކުރުމަށް އެކުލަވާލި ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއަށްވެސް ފުލުހުންގެ ފަރާތުން ދޭންޖެހޭ މައުލޫމާތު ދީފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެ ރިޕޯޓުގައި ހުރި އެއްވެސް ކަމެއްގެ ތަފްސީލެއް ނުދެއްވައެވެ.

އިންޓަރނޭޝަނަލް ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހިންގި ހަމަނުޖެހުން ފުލުހުން ތަހުޤީޤްކުރަމުންދާއިރު އެ މައްސަލައާ ގުޅިގެން ގިނަ ބަޔަކު ވަނީ ހައްޔަރުވެސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު