ހުޅުމާލެ ހޮސްޕިޓަލުގެ ލިފްޓްގައި މާބަނޑު އަންހެނަކު ވިހެއުމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

މިމައްސަލަ ބަލަން ފަށާފައި މިވަނީ ސޯޝަލް މީޑިއާއާއި އެހެން މީޑިއާތަކުގައިވެސް މިކަމާއި ގުޅިގެން ހަބަރުތައް ޝާއިޢުކޮށް ފާޑުކިޔަން ފެށުމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއީ މިމަހުގެ 16 ވަނަ ދުވަހުގެރޭ ހުޅުމާލެ ހޮސްޕިޓަލުގައި ހިނގި ހާދިސާއެކެވެ. އަދި މިކަމުގައި ހޮސްޕިޓަލުގެ އިހުމާލު ވަރަށް ބޮޑުކަމަށް މި ހާދިސާ ދިމާވި އާއިލާގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ.



ހުޅުމާލޭ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ މިމަހުގެ 16 ވަނަ ދުވަހުގެރޭ ހުޅުމާލެ ހޮސްޕިޓަލުގައި ހިނގި ހާދިސާ ހޮސްޕިޓަލުގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓުން ބަލަމުންދާކަމަށެވެ. އަދި މިކަން ހިނގާދިޔަގޮތް ބެލުމަށްފަހު، ހޮސްޕިޓަލުގެ ޕޭޝަންޓް ކެއަރ ރަނގަޅުކުރުމަށް ކުރަންޖެހޭކަމެއްވާނަމަ އެކަންކަން ކުރުމަށް ހޮސްޕިޓަލުގެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައްކުރުމުގައި އެ ހޮސްޕިޓަލުން ފަސްނުޖެހޭނެކަމަށްވެސް ހުޅުމާލޭ ހޮސްޕިޓަލުން ބުނެއެވެ.

ހުޅުމާލޭ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގެ އަބަދުވެސް އަމާޒަކީ ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ، ހޮސްޕިޓަލުން ދެވޭ ޚިދުމަތްތަކަކީ ރައްޔިތުން ބަލައިގަންނަފަދަ ފުރިހަމަ ހަރުދަނާ ޚިދުމަތަކަށް ހެދުންކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު