މި ހިނގާ ޖުލައި މަހު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރި ވިއްސާރައާއި އުދައިގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ދަނޑުވެރިކަން ކުރާ ފަރާތްތަކަށް ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެފިއެވެ.

ހުޅަނގު މޫސުމުގެ ވިއްސާރައިގާ ލިބުނު ގެއްލުންތަކުގެ ތަފުސީލު ހާމަ ކުރުމަށް އެ ސެންޓަރުން ނެރެފައިވާ މައުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގެ 4 ރަށަކުން 110 ގޭބިސީއަކުން ބަލަހައްޓަމުން ދިޔަ ދަނޑުބިންތަކަށް ގެއްލުން ލިބިފައިވާއިރު، އެއީ އެ ސެންޓަރަށް ލިބުނު އެސެސްމެންޓް ފޯމްތަކުގެ 46 އިންސައްތައެވެ.

މީގެ އިތުރުން ލިބުނު ފޯމްތަކުން ފެންނަ މައުލޫމާތުގައި، ގޯތި ގެދޮރާއި ޒަރޫރީ ބޭނުންތަކަށް ބުރޫއަރާފަދަ ގެއްލުންތަކެއް 9 ރަށެއްގެ 96 ގެއަކަށް ލިބިފައިވާއިރު، އެއީ އެސެސްމަންޓް ފޯމްތަކުގެ 40 އިންސައްތައެވެ.

ޑިޒާސްޓަރއިން ބުނީ، ވިއްސާރައާއި އުދައިގެ ސަބަބުން ދަނޑުވެރިކަމަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި، ދަނޑުވެރިން އާންމުކޮށް ހައްދާ ބާވަތްތައް ކަމަށްވާ މިރުސް، ފަޅޯ، ދޮންކެޔޮ، ބަނބުކެޔޮ އަދި އަނބުގަސް މަރުވެގެން ރިޕޯޓް ކޮށްފައިވާކަމަށެވެ.



ޑިޒާސްޓަރ އަށް ލިބުނު ބާކީ 14 އިންސައްތަ ފޯމުގައި ވަނީ ވިޔަފާރިއާއި ސަރުކާރުގެ އިމާރާތްތަކާ އިޖުތިމާއީ އިދާރާތައް ފަދަ ތަންތަނަށް ލިބުނު ގެއްލުމުގެ ތަފުސީލުކަމަށް ވެސް އެ ސެންޓަރުން ބުނެއެވެ.

މިމަހު ކުރީކޮޅު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ފެންބޮޑުވުމާއި އުދަ އެރުމުގެ ގިނަ ހާދިސާތަކެއް ހިނގާ ބައެއް އާއިލާތައް ވަގުތީ ހިޔާތަކަށް ވެސް ބަދަލުކުރަންޖެހުނެވެ.



ކިޔުންތެރިންގެ ހިޔާލު