ސަރުކާރުގެ ގިނަ ވެރިން ރަނގަޅުވިޔަސް ރައީސުލްޖުމްހުރިއްޔާ ރަނގަޅުވެގެން ނޫނީ ގައުމު ރަނގަޅުނުވާނެކަމަށް ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އިމްރާން މިހެން ވިދާޅުވެ ޓްވީޓް ކުރައްވާފައި މިވަނީ، އޭނާ ހޯމް މިނިސްޓަރުކަމުގެ މަގާމުން ދުރުކުރަން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ ރައީސަކަށް ހުންނަވާ ބޭފުޅަކީ ހެޔޮލަފާ ރަނގަޅު ބޭފުޅަކަށްވިޔަސް ސަރުކާރު ހިންގަވަން ތިއްބަވާ ގިނަ ބޭފުޅުން ރަނގަޅުވެގެން ނޫނީ ގައުމު ރަނގަޅު ނުކުރެވޭނެކަމަށެވެ. އަދި ސަރުކާރުގައި ތިއްބަވާ ގިނަ ބޭފުޅުން ރަނގަޅުވިޔަސް ރައީސުލްޖުމްހުރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅާ ރަނގަޅުވެގެން ނޫނީ ގައުމު ރަނގަޅު ނުވާނެކަމަށެވެ.



އިމްރާން މިފަދައިން ވިދާޅުވީ ކީއްވެކަމެއް ސާފެއް ނުވެއެވެ. ނަމަވެސް މިފަހަކަށް އައިސް އޭނާގެ ފަރާތުން ތަފާތު ޓްވީޓްތަކެއް ފެންނަމުންދާކަން ފާހަގަކޮށްލެވެއެވެ.

ޔޯގާ ޑޭގެ ހަމަނުޖެހުމާއި ގުޅިގެން އިމްރާން މަގާމުން ވަކިކުރަން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު، ޔޯގާ ޑޭގެ ހަމަނުޖެހުންތައް ތަހުގީގުކުރުމަށް އެކުލަވާލި ވަޒީރުންގެ މަޖިލީހުގެ ކޮމިޓީގައިވެސް އޭނާ ހިމަނުއްވާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު