ރާއްޖެއަށް މަންކީޕޮކްސް ބަލި އައުމުގެ ފުރުސަތު އެބައޮތް ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

މަންކީޕޮކްސް އަކީ ދުނިޔޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ދުނިޔޭގެ ސިއްްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިއްޔެ ވަނީ ކަނޑައަޅާފައެވެ. އެކަމާ ގުޅިގެން އެޗްޕީއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގައި މަންކީޕޮކްސް ބަލި ފެންނަމުންދާ ހާލަތަށް ބަލާއިރު ރާއްޖެއަށް ވެސް މި ބަލި އައުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

ނަމަވެސް ކޮވިޑް-19އާ އަޅާބަލާއިރު މިފަދަ ބައްޔެއް ފެތުރުމުގެ ފުރުސަތު ބޮޑީ ވަރަށް ގައިގޯޅިކޮށް އެކުގައި އުޅޭ މީހުންގެ މެދުގައި ކަމަށްވުމުން މި ބަލި ފެތުރޭ ގޮތާއި މިންވަރު ތަފާތު ވާނެ ކަމަށް އެޗްޕީއޭ ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން މަންކީޕޮކްސްގެ އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަކަށް ސިއްހީ ހިދުމަތްތެރިއަކަށް ދެއްކުމަށާއި، ބަލި ކަށަވަރު ކުރެވެންދެން އެހެން މީހުންނާ ގައިގޯޅިވުމުން ދުރުވެ އެކަހެރިވުން މުހިއްމު ކަމަށް އެޗްޕީއޭ އިން ބުންޏެވެެ.

އެޗްޕީއޭ އިން ބުނީ މި ބަލި އާންމު ގޮތެއްގައި ފެތުރިފައިވަނީ ފިރިހެނުންގެ މެދުގައި ކަމަށެވެ. އޭގެތެރެއިން ވެސް ހާއްސަކޮށް އެއް ޖިންސުން ޖިންސީ ގުޅުން ހިންގާ މީހުންގެ މެދުގައި މިބަލި ފެތުރުން އާންމު ވެފައިވާއިރު އަންހެނުންނާއި ކުޑަކުދިިންގެ މެދުގައި ވެސް މި ބަލި މަދު މިންވަރަކަށް ފެނިފައިވާ ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެ އެވެ.

އެޗްޕީއޭ އިން ބުނީ މި ބައްޔާއި ގުޅިގެން ވާންޖެހޭ ތައްޔާރިތަކާއި ދޭންޖެހޭ އިޖާބަ ދިނުމަށްޓަކާ ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން މި ބައްޔަށް ސިއްހީ ހިދުމަތްތެރިން ހޭލުންތެރިކުރުވުމާއި، ޓެސްޓު ކުރެވޭނެ ގޮތް ގާއިމުކުރަން މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ބުނެފައިވެެ އެވެ.

މީގެއިތުރުން ސަވައިލެންސް ހަރުދަނާ ކުރުމާއި، ބަލިޖެހޭ މީހުންނަށް ފަރުވާ ކުރުމާ ބެހޭ ގައިޑްލައިންތައް ކަނޑައެޅުމުގެ އިތުރުން ވެކްސިނާއި ބޭސް ލިބޭނެ ގޮތްތައް ވެސް ބަލަމުން އަންނަ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު