ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހެއްގެ ބަންދަށް 10 ދުވަސް އިތުރު ކުރުމަށް ކޯޓުން އަމުރު ކޮށްފިއެވެ.

މި މައްސަލާގައި މުއްދަތު ޖަހާފައިވަނީ ސައުތުއެފްރިކާގެ އުމުރުން 43 އަހަރުގެ އަންހެނެއްކަމަށްވާ ޒަމެލިކެ ލެސިއާ އޮންޔެޗުގުއެވެ. އޭނާ ރާއްޖެއައި އިރު ދިރުވާލައިގެން 83 ބުލެޓްގެ މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކޮށްފައިވާކަމަށް ފުލުހުން ތުހުމަތު ކުރެއެވެ. އެކަމަށް ބާރުދޭ ހެއްކާއި ޤަރީނާ ފުލުހުންވަނީ ކޯޓުގައި ހުށަހަޅާފައެވެ.

އޭނާގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިޔުމުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ އޭނާގެ ބަންދަށް 10 ދުވަސް އިތުރު ކުރުމަށް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފައެވެ. އޭނާއަކީ މި މައްސަލާގައި މީގެ ކުރިން އެއަރޕޯޓުން ހައްޔަރުކޮށް މުއްދަތު ޖަހާފައިވާ މީހެކެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިރުވާލައިގެން ރާއްޖެއަށް އެތެރެކުރިކަމުގެ ތުހުމަތުގައި އޭނާގެ ބަންދަށް 10 ދުވަސް އިތުރުކޮށްފައިވާއިރު ދާދިފަހުން އިނގިރޭސިވިލާތުގެ ދެ ރައްޔިތަކުވެސް ވަނީ ދިރުވާލައިގެން ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު