ސްޓެލްކޯއިން ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫއެއް ފަށަން މަސައްކަތްކުރަމުންދާކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ސްޓެލްކޯގެ މުވައްޒަފުންނާއެކު، ތާޖުއްދީން ސްކޫލް ހޯލުގައި ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވީ ސްޓެލްކޯއިން ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫއެއް ވަރަށް އަވަހަށް ކުރިއަށްގެންދާނެކަމަށެވެ. ޝަރީފް ވިދާޅުވީ މިފަހަރުގެ މަޝްރޫއު އަމާޒުކުރާނީ ވިލިމާލެއަށްކަމަށެވެ.

މިބައްދަލުވުމުގައި ޝަރީފް ވަނީ މިހާރު ސްޓެލްކޯއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ކުލި އިއުލާންކުރައްވާފައެވެ. އެގޮތުން 1 ބެޑްރޫމްގެ މަހު ކުއްޔަކީ 5622 ރުފިޔާ އަދި މެއިންޓަނަންސް ފީ އަކީ 1000 ރުފީޔާއެވެ. 2 ޕްލަސް 1 ރޫމް އެޕާޓްމަންޓްގެ މަހު ކުލި އުޅެނީ 10356 އާއި 10652 ރުފިޔާއާ ދެމެދުގައެވެ. މި ކެޓަގަރީގެ މެއިންޓަނަންސް ފީ އަކީ 1300 ރުފިޔާއެވެ.

ޝަރީފް ވިދާޅުވީ 6 އޮގަސްޓުގައި ސްޓެލްކޯގެ ފްލެޓްތަކަށް ވަދެވޭނެކަމަށާއި އަދި ސްޓެލްކޯގެ 2 ޓަވަރުގެ މެދުގައި ސުވިމިންގ ޕޫލަކާއި ކުޑަކުދިން ކުޅޭ ސަރަހައްދެއް ގާއިމްކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ދިރިއުޅުމަށް ތައްޔާރުވުމަށް ވަގުތު ދިނުމުގެ ގޮތުން ޑިސެމްބަރުގެ ނިޔަލަށް ފްލެޓްތަކުން ކުއްޔެއް ނުނަގާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

"ފްލެޓް ލިބުނު ފަރާތްތަކުން 6 އޯގަސްޓްވާ ހޮނިހިރު ދުވަހު މެންދުރު ފަރިއްކުޅުވާންވާނީ ފްލެޓްގައި." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިވަރުގެ ކަމެއް ކުންފުނިން ކޮށްދިނިމުން މުވައްޒުންގެ ފަރާތުން ކުންފުނިން ބޭނުންވަނީ ޝުކުރުވެރިކަމާއެކު މިކަން ބަލައިގަތުންކަމަށެވެ. އަދި އެކަން ކުރާނީ ކުންފުންޏަށް ރީތި ނަން ހޯދައިދީގެން ކޫންފުނިން ދޭ ހިދުމަތް އިހުލާސްތެރިކަމާއެކު ރައްޔިތުން ބަލައިގަންނަ ފެންވަރެއްގައި ދީގެންކަމަށް ޝަރީފް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު