ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް މައްސަލަތައް ހުށަހެޅުމަށް ހިލޭ ގުޅޭނެ ނަންބަރެއް ތަޢާރަފުކޮށްފިއެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުގެ ރަސްމީ ޓޯލް ފްރީ ނަންބަރު ނުވަތަ ހިލޭ ގުޅޭނެ ނަންބަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ 1656 އެވެ.

މިއީ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަށް 2 އަހަރު ފުރުމާއި ގުޅުވައިގެން، ތައާރަފްކުރި ހިދުމަތެކެވެ. އަދި މި ހޮޓްލައިން ނަންބަރުގެ ބޭނުމަކީ އާއްމުންނަށް ވީހާވެސް ފަސޭހަކަމާއެކު މައްސަލަތައް ހުށަހެޅޭނެ އިންތިޒާމް ހަމަޖެއްސުންކަމަށް އޮމަބްޑްސްޕަރސަންގެ އޮފީހުން ބުނެއެވެ.

ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޗިލްޑްރަންސް އޮމްބަޑްސްޕަރސަން އޮފީސް އުފެދުނީ 23 ޖުލައި 2020 ގައެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަން އޮފީހުގެ މައިގަނޑު މަސްޢޫލިއްޔަތުތަކަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި، އދ.ގެ ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއަށް ދައުލަތުގެ މުއައްސަސާތައް ޢަމަލުކުރާ މިންވަރު ދެނެގަތުމާއި، ރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި، މުވައްޒަފުން މޮނިޓަރކޮށް، އިވެލުއޭޓްކުރުމާއި، ރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުންގެ ޢަމަލުތައް ތަޙުޤީޤުކޮށް މުޠާލިއާކުރުމެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕަރސަން އޮފީހުން ތަޙުޤީޤުކުރާނީ ކުޑަކުދިންގެ މަސްލަޙަތު ހިމެނޭ މަސައްކަތްކުރާ ދައުލަތުގެ އިދާރާތަކާއި، އެ އިދާރާތަކުގެ މުވައްޒަފުންގެ އިހުމާލެއް އޮތްކަމަށް ބެލެވޭ މައްސަލަތަކެވެ. ކާކުކަން ނޭނގޭނެހެންވެސް މި އޮފީހަށް މައްސަލަތައް ހުށަހެޅިދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު