އަހުމަދު މަސްނޫމް   23 ޖުލައި 2022 - 16:59
ރަޝިޔާއާއި ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުން ޔޫކްރެއިނުން ގޮވާން އެކްސްޕޯޓް ކުރުން ހުއްޓުމަކަށް އައިސްފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް ގާއިމްކުރި އެއްބަސްވުމަށްޓަކައި އދގެ ސެކްރެޓަރީ ޖެނެރަލަށާއި ތުރުކީގެ ރައީސަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ޝުކުރު އަދާކުރަށްވައިފިއެވެ.

ދުނިޔޭގެ އެކި ޤައުމުތަކަށް ގިނައަދަދަކަށް ގޮވާން އެކްސްޕޯޓުކުރާ ޤައުމުތަކުގެ ތެރޭގައި ރަޝިއާއާއި ޔޫކްރެއިން ހިމެނެއެވެ. ނަމަވެސް މިހާރު ކުރިއަށްދާ ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ކަޅުކަނޑު ހުރަސްކޮށް ޤައުމުތަކަށް ގޮވާން ބޭރުކުރުން ވެފައި އޮތީ ނުރައްކާތެރި ކަމަކަށެވެ.

މިކަމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެ، ދުނިޔެއަށް ކާބޯތަކެތި ނުލިބުމުގެ ކާރިސާއެއް ކުރިމަތިވެދާނެކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ގޮވާން އެކްސްޕޯޓްކުރުން ދަތިވާ މައްސަލައަށް ހައްލެއް ގެނައުމުގެ މަސައްކަތް ކުރުމަށްޓަކައި އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއާ އާއި ތުރުކީގެ ރައީސް އުރުދުޣާން ވަނީ ބުރަ މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ރަޝިޔާ އާއި ޔޫކްރެއިނުން ވަނީ މިކަމާ ގުޅޭ އެއްބަސްވުމެއްގައި އިއްޔެ ސޮއިކޮށްފައެވެ.

ގޮވާން އެކްސްޕޯޓުކުރުމަށްޓަކާ ދެ ޤައުމުގެ މިނިސްޓަރުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ތުރުކީވިލާތުގެ އިސްތަންބޫލުގައެވެ. މި އެއްބަސްވުމުގެ ދަށުން ޔުކްރޭންގެ ބަނދަރުތައް ހުޅުވާލައި ކަޅުކަނޑު ހުރަސްކޮށް ގޮވާން ހިފައިގެން ބޯޓުތައް ދަތުރުކުރަން ފަށާނެއެވެ.

މިކަމާއި ގުޅިގެން އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ މިމަސައްކަތުގައި އުރުދުޣާނާއި ގުޓަރޭޝް ދެއްކެވި ޑިޕްލޮމަސީ އާއި ލީޑަރޝިޕަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާފައެވެ. އަދި މިކަން މަގުފަހިކުރަން އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ.



އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ވިދާޅުވީ، ދުނިޔޭގެ ކާބޯތަކެތީގެ ދަތިކަން ދިމާވެފައިވާ މި ދަނޑިވަޅުގައި ގޮވާން އެކްސްޕޯޓު ކުރެވޭގޮތް ވުމަކީ ލިބޭ ވަރަށްބޮޑު ފަސޭހައެކެވެ.

ރަޝިއާއި ޔޫކްރެއިނުން ގޮވާން އެކްސްޕޯޓުކުރުމަށް އެއްބަސްވެފައި މިވަނީ އެތައް ދުވަހެއްގެ މަޝްވަރާތަކަށްފަހުގައެވެ.

ދުނިޔޭގެ ކާނާއާއި ބެހޭ ޕްރޮގްރާމް، ވޯލްޑް ފުޑް ޕްރޮގްރާމުން ހާމަކޮށްފައިވާގޮތުގައި ރަޝިއާ ޔުކްރެއިން ހަނގުރާމައިގެ ސަބަބުން ގާތްގަޑަކަށް 47 މިލިއަން މީހުން މިހާރުވެސް ވަނީ ފަގީރުކަމަށް ހުށަހެޅިފައެވެ.



ކިޔުންތެރިންގެ ހިޔާލު