ސަރުކާރުން ހއ. އިހަވަންދޫއާއި ޅ. ހިންނަވަރުގައި ތަރައްޤީކުރުމަށް ނިންމާފައިވާ ހޮސްޕިޓަލްގެ މަސައްކަތް އަލުން ބިލަށް ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން މި ދެ ރަށުގެ ސިއްޙީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް ބަދަލުކުރުމަށް ފުރަތަމަ އިޢުލާންކުރީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. ނަމަވެސް އެ އިއުލާން ބާތިލުކުރުމަށްފަހު މި މަސައްކަތް ކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށް ފިނޭންސުން ބުނެފައިވެއެވެ. ނަމަވެސް މި ދެރަށުގެ ބީލަން އަލުން ހުޅުވާލި ސަބަބެއް ހާމައެއް ނުކުރެއެވެ.

ފިނޭންސް މިނިސްޓްރީއިން އިޢުލާންކޮށްފައިވަނީ އިހަވަންދުއާއި، ހިންނަވަރު ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކޮށްދޭނެ ބަޔަކު ހޯދުމަށެވެ.

އިހަވަންދޫ އާއި ހިންނަވަރުގައި ހޮސްޕިޓާ ތަރައްގީކުރަން މީގެކުރިން ހުޅުވާލީ މިއަހަރުގެ ކުރީކޮޅު ސަރުކާރުން އިއުލާންކޮށްފައިވާ 26 ރަށެއްގެ ހޮސްޕިޓަލުގެ ބީލަމާަެކުގައެވެ.

އަލަށް އިމާރާތްކުރާ ހޮސްޕިޓަލްތަކުގެ ތެރޭގައި ގިނައީ 30 އެނދުގެ ހޮސްޕިޓަލްތަކެވެ. އަދި މީގެތެރެއިން 6 ރަށެއްގައި އަޅާނީ 50 އެނދުގެ ހޮސްޕިޓަލްތަކެވެ. އިހަވަންދޫ އަދި ހިންނަވަރުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 30 އެނދުގެ ހޮސްޕިޓަލްތަކެވެ.

ސިއްހީ މަރުކަޒުތައް ހޮސްޕިޓަލްތަކަށް ބަދަލުރުމުގެ އިތުރުން އަތޮޅު ހޮސްޕިޓަލްތައް އިތުރަށް ތަރައްޤީކޮށް ބައެއް ހޮސްޕިޓަލްތައް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުންވެސް މިހާރު ކުރިއަށްދެއެވެ.

މިހާރު ވަނީ ޓަރޝަރީ ފެންވަރަށް ތަރައްޤީކުރާ ބައެއް ހޮސްޕިޓަލްތަކުގެ ޢަމަލީ މަސައްކަތްތައް ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު