މާލޭ ރައްޔިތުންނަށް ސަރުކާރުން ގޯތި ދޫކުރުމަށް ނިންމި ނިންމުމާއި ގުޅިގެން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދާއި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި ދެމެދު ހޫނު ބަހުގެ ހަމަލާ ތަކެއް ބަދަލުކޮށްފިއެވެ.

މާލޭ ރައްޔިތުންނަށް ސަރުކާރުން ގޯތިދޫކުރުމަށް ނިންމި މައްސަލައިގައި ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ މާލޭގައި ވަރަށް ނިކަމެތިން އެބަ އުޅޭ ކަމަށާއި އެ ހާލަތު އެނގޭ މީހަކު "ފަޅޮލޭ ފާގަ އޭ ނުކިޔާނެ" ކަމަށެވެ. އެކަމަށް ރައްދު ދެއްވަމުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ، މާލޭގެ އެންމެ ނިކަމެތިންނަށް ހިޔާފުލެޓުން ފުލެޓު ދިނީ ފައިސާ ދައްކާގޮތަށް ކަމަށާއި، މި ނިކަމެތިންނަށް ވުރެ ހާލަތު ރަނގަޅު ބަޔަކަށް ހިލޭ ބިން ދިނުމަކީ އިންސާފެއް ނޫން ކަމަށެވެ. އަދި ފުލެޓުގެ ޖާގައިގެ ދަތިކަން އުޅޭނަމަ 2000 އަކަފޫޓުގެ ފުލެޓުއަޅަންވީ ނޫންތޯއޭ ވެސް މޫސާ ސިރާޖު ވިދާޅުވެފައި ވެއެވެ.



ބޯހިޔާވެހިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން މާލެ ހިމެނޭ ސަރަހައްދުން ހިލޭ ގޯތި ދޫކުރުމަކީ އެންމެ ރަނގަޅު އަދި އެންމެ އިންސާފުވެރިކަމާއެކު ކުރެވިދާނެ ކަމެއް ކަމުގައި ނުފެންނާތީ، އެކަން ބައްލަވައިދިނުމަށް ރައްޔިތުންގެ މަޖިލީހުގައި މެމްބަރު ސިރާޖް ވަނީ އެދިވަޑައިގެންފައެވެ.

ސަރުކާރުން މިހާރު ވަނީ މާލޭގެ ރަައްޔިތުންނަށް 5000 ގޯތި ދޫކުރުމަށް ނިންމާފައެވެ. އެގޮތުން މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން މަދުވެގެން 1000 ގޯތި، ގުޅީފަޅުން މަދުވެގެން 2000 ގޯއްޗާއި ގިރާވަރު ފަޅު ހިއްކައިގެން އެބިމުން މަދުވެގެން 2000 ގޯތި މާލެ ރައްޔިތުންނަށް ދޭނެކަމަށް ރައީސް ސާލިޙު ވަނީ އިއުލާންކުރަށްވާފައެވެެ. މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަކީ ރައީސް ސާލިޙުގެ ވެސް އަދި އެމްޑީޕީގެ ވެސް ވައުދެކެެވެ.



ކިޔުންތެރިންގެ ހިޔާލު