ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ރަސްމީ ދަތުރުފުޅެއްގައި ސީޝެލްސްއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، ރައީސް ނަޝީދު ސީޝެލްސްއަށް ވަޑައިގަންނަވަނީ އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، މރ. ރޮޖަރ މަންސިއެންގެ ދައުވަތަކަށް މިއަދުން ފެށިގެން މިމަހުގެ 28 އަށް ކަމަށެވެ. މި ދަތުރުފުޅަށް މިއަދުގެ ވަގުތެއްގައި އެމަނިކުފާނު ފުރާވަޑައިގަންނަވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެ އެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވާނެ ކަމަށާއި އަދި ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސާއެކު ރަސްމީ ބައްދަލުކުރެއްވުމެއް ވެސް ބާއްވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުންޏެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ކުރިއެރުމަށް އެކުއެކީގައި މަސައްކަތް ކުރެއްވޭނެ ގޮތްތަކަކީ ކޮބައިތޯ ބައްލަވައި އެކަންކަމާމެދު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް މަޖިލީހުގެ އިދާރާ އިން މައުލޫމާތުދެއެވެ.

މީގެ އިތުރުން ރާއްޖެ އާއި ސީޝެލްސްއަކީ ދާދި އެއްގޮތަކަށް އިންޑިއާ ކަނޑުގައި އުފެދިފައިވާ ދެ ގައުމު ކަމާއި އަދި ދެ ގައުމަށް ދިމާވެފައިވެފައިވާ ގޮންޖެހުންތަކާއި ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތަކަކީ ވެސް ދާދި އެއްގޮތް ކަންތައްތަކެއް ކަމަށް ވެސް ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދައުވަތުގެ ސިޓީފުޅުގައި ފާހަގަ ކުރަށްވާފައިވާކަން މަޖިލީހުން ފާހަގަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު