ލަންކާގެ އައު ރައީސް ރަނިލް ވިކްރަމަސިންހަގެ ވަޒީރުންގެ މަޖިލީހުގެ މެމްބަރުން މަގާމުގެ ހުވާ ކުރައްވައިފިއެވެ.

ލަންކާގެ ވަޒީރުންގެ މަޖިލީހުގެ މެމްބަރުން މަގާމާއި ހަވާލުވުން އޮތީ، ލަންކާގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނަ މިއަދު ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތަށްފަހުއެވެ.

ލަންކާ ސަރުކާރުގެ އައު ވަޒީރުންގެ މަޖިލިސް އެކުލަވާލިނަމަވެސް އެންމެ މަގާމެއް ފިޔަވައި އެހެން މަގާމުތަކަށް އައްޔަންކޮށްފައި ވަނީ ކުރިންވެސް އެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެ. އެގޮތުން ބޮޑުވަޒީރާއެކު ކެބިނެޓްގައި 18 މެމްބަރުން ތިއްބަވާނެއެވެ.

ކެބިނެޓްގެ މަގާމުތަކުގެ ތެރެއިން ބަދަލު އައީ ފޮރިން މިނިސްޓަރުގެ މަގާމަށް އެކަންޏެވެ. ކުރިން އެ މަގާމުގައި ހުންނެވީ ޖީ.އެލް ޕެރިސްއެވެ. އޭނާގެ ބަދަލުގައި ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވީ ކުރިން ފިނޭންސް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އަލީ ސަބްރީއެވެ.

ޑިފެންސް މިނިސްޓަރުކަމުގެ މަގާމާއި ފައިނޭންސް މިނިސްޓަރުކަމުގެ މަގާމުގައި މިވަގުތަށް ހުންނެވި ރައީސް ރަނިލް ވިކްރަމަސިންހައެވެ. ބޮޑުވަޒީރު ދިނޭޝްގެ ބެއްލެވުމުގެ ދަށަށް ވަނީ ހޯމް އެފެއާޒް ބަދަލުކުރައްވާފައެވެ.

ބެލެވޭ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ކެބިނެޓަށް ބަދަލުތައް އަންނަން ފަށާނެއެވެ.



ކިޔުންތެރިންގެ ހިޔާލު