މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 57.5 އިންސައްތަ އިތުރުކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަައް ދައްކާގޮތުން މިދޔަ އަހަރުގެ ޖުލައިމަހުގެ 20 އާ ހަމައަށް ރާއްޖެ އައިސްފައިވަނީ 572,123 ފަތުރުވެރިންނެވެ. ނަމަވެސް މިއަހަރުގެ މި މުއްދަތުގައި ރާއްޖެއަށް 900,808 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ 57.5 އިންސައްތައިގެ ކުރިއެރުމެކެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން އައިސްފައިވަނީ އިންޑިއާގެ ރައްޔިތުންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ އިނގިރޭސިވިލާތުންނެވެ. އަދި ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ ރަޝިޔާއިންނެވެ.



މިއަހަރުގެ ފުރަތަމަ 6 މަސްދުވަހަށް ބަލާއިރު ކޮންމެ މަހަކުވެސް ރާއްޖެއަށް 1 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ. އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މާރޗް މަހުއެވެ. އެމަހު ރާއްޖެއަށް 150748 ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއރު ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމެވެ.



ކިޔުންތެރިންގެ ހިޔާލު