ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަޤީންކަން ސަރުކާރުން ދީފިއެެވެ.

ސަރުކާރުން މި ޔަގީންކަން ނޫސްވެރިންނަށް ދީފައިވަނީ ހެއްކާބެހޭ ބިލްގައި ނޫސްވެރިން މަސްދަރު ހާމަކުރަން މަޖުބޫރުވާގޮތައް އޮތުމުން ކުރިމަތިވެފައިވާ ފާޑުކިޔުންތަކާއި ގުޅިގެން މިރޭ ރައީސް އޮފީހުން ނެރުނު ނޫސްބަޔާނެއްގައެވެ.

ރައީސް އޮފީހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ނޫސްވެރިންނަށް ޙިމާޔަތްދިނުމާއި، ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާއާއި، 29 ވަނަ މާއްދާއިން ނޫސްވެރިންނަށް ލިބިދޭ ޙައްޤުތައް ރައްކާތެރިކުރުމާއެކު، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެކަމުގެ ޔަޤީންކަން ދޭކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދީ، މިނިވަން ނޫސްވެރިކަން ކުރިއެރުވުމަށް އެހިނދަކަށް ކުރަންޖެހޭ މަސައްކަތެއް ސަރުކާރުން އަބަދުވެސް ކުރަމުންގެންދާނެ ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މަޢުލޫމާތުގެ މަސްދަރު ހާމަކުރުމަށް މަޖުބޫރު ނުކުރުމުގެ ޙައްޤު، މިނިވަން އަދި ދީމިޤްރާޠީ މުޖުތަމަޢުތަކުގައި ހިފެހެއްޓިފައިވަނީ، އެ ޙައްޤުގެ މަޤްޞަދާއި އިމްތިޔާޒުތަކާއި، ޙައްޤު ހިފެހެއްޓުމުގެ މުހިއްމުކަން އަޅައިކިޔުމަށް ފަހުގައި ކަމަށެވެ. އަދި ހެއްކާބެހޭ ޤާނޫނުގެ 136 މާއްދާގެ (ހ) ގައި، ނޫސްވެރިޔާއަށް ނުވަތަ މީޑިއާ އޭޖެންސީއަށް މަޢުލޫމާތު ހާމަކުރުމަށް މަޖުބޫރުކުރުން މަނާކޮށްފައި ވަނީ، މަޢުލޫމާތު ދިން ފަރާތް ސިއްރުކުރުމުގެ ވަޢުދެއް، ނުވަތަ ޔަގީންކަމެއްގެ މައްޗަށް ބިނާކޮށް، ނޫސްވެރިޔާ މަޢުލޫމާތު ހޯދާފައިވާ ހާލަތެއްގައި ނަމަ، އެ މަޢުލޫމާތެއް ދިން ފަރާތުގެ ރުހުމާ ނުލައި އެ މަޢުލޫމާތެއް ދިންފަރާތް ހާމަނުކުރެވޭ ގޮތަށް ކަމަށް ބަޔާނުގައި ވެއެވެ.

ނަމަވެސް މި ޤާނޫނުގައި މި އުސޫލުން އިސްތިސްނާވާ ދެ ކަމެއް ކަނޑައަޅައިފައިވާ ކަމަށް ރައީސް އޮފީހުގެ ބަޔާނުގައި ފާހަަގަކޮށްފައިވެއެވެ. އެ ދެ ހާލަތަމީ، ނޫސްވެރިޔާ ހާމަކުރާ މަޢުލޫމާތަކީ ޓެރަރިޒަމްގެ ކުށްތައް ނުވަތަ ޤައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކާ ގުޅޭ މަޢުލޫމާތެއްކަމަށްވާނަމަ ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ.

ރައީސް އޮފީހުން ބުނީ އެ ފަދަ މަޢުލޫމާތެއް ހިމެނޭ ހާލަތްތަކުގައިވެސް، މަސްދަރު ހާމަކުރުމުގެ ހުއްދަ ކޯޓުއަމުރަކުން ދެވޭނީ، ހެއްކާބެހޭ ޤާނޫނުގެ 136 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކާއި ސަބަބުތަކަށް ރިޢާޔަތްކޮށް، މަދަނީ މިންގަނޑުން އެކަންކަން ސާބިތުވާނަމަ ކަމަށެވެ.

މިގޮތުން، މި މާއްދާގައި މަސްދަރު ހާމަކުރުމުގެ ހުއްދަ ދިނުމުގައި ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭ ކަންކަމުގެ ފުރިހަމަ ލިސްޓެއް ޤާނޫނުގައި ހިމަނައިފައިވާކަށް ރައީސް އޮފީހުން ބުންޏެވެެ. ހެއްކާބެހޭ ޤާނޫނުގައި، ނޫސްވެރިޔަކު އޭނާއަށް ލިބުނު މަޢުލޫމާތުގެ މަސްދަރު ހާމަކުރަންޖެހޭ ފަދަ އަމުރެއް ނެރުމުގެ ކުރިން، ގާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ ނުކުތާތަކަށް ކޯޓުތަކުން ރިޢާޔަތް ކުރުން ލާޒިމުކޮށްފައިވާ ކަމަށާއި އަދި މަސްދަރު ހާމަކުރުމަށް ކޯޓަކުން ކޮށްފައިވާ އަމުރު، މަތީ މަރުޙަލާގެ ކޯޓުތަކުގައި (ހައިކޯޓު އަދި ސުޕްރީމް ކޯޓުގައި) އިސްތިއުނާފު ކުރުމުގެ ފުރުޞަތު ނޫސްވެރިޔާއަށް ލިބިގެންވާ ކަމަށް ވެސް ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު