އަހުމަދު މަސްނޫމް   21 ޖުލައި 2022 - 21:37
އެމެރިކާގެ ރައީސް ޖޯ ބައިޑަން ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އެމެރިކާގެ ރައީސްގެ ރަސްމީ އޮފީސް، ވައިޓް ހައުސްއިން ބުނީ ރައީސް ބައިޑަން ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ ބުރާސްފަތިދުވަހުގެ ހެނދުނުކަމަށެވެ. އަދި ބައިޑަންގެ ފަރާތުން ފެންނަނީ ކެއްސައި ކިނބިހި އެޅުންފަދަ އާދައިގެ އަލާމާތްތަކެއްކަމަށާއި، ރައީސްގެ ހާލުކޮޅު ރަނގަޅުކަމަށްވެސް ވައިޓް ހައުސްއިން ބުނެއެވެ.

އުމުރުފުޅުން 79 އަހަރުގެ ބައިޑަން ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު އޭނާއަކީ ވެކްސިންގެ ހުރިހާ ޑޯޒެއް ފުރިހަމަކުރުމުގެ އިތުރުން، ދެ ފަހަރަށް ބޫސްޓަރ ޑޯޒް ޖަހާފައިވާ ބޭފުޅެކެވެ. އަދި މިއީ އޭނާ ކޯވިޑަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރުވެސްމެއެވެ. ވައިޓް ހައުސްއިން ބުނީ މިދިޔަ އަންގާރަ ދުވަހު ޓެސްޓް ހެދިއިރުވެސް ބައިޑަން ކޯވިޑަށް ނެގެޓިވް ކަމަށެވެ.



ބައިޑަން ކޯވިޑަށް ޕޮޒިޓިވްވިނަމަވެސް، އޭނާގެ އަނބިކަނބަލުން ޖިލް ބައިޑަންއާއި ނާއިބު ރައީސް ކަމަލާ ހެރިސް ހެދި ޓެސްޓްތައް ވަނީ ނެގެޓިވްވެފައެވެ.

ކޯވިޑަށް ޕޮޒިިޓިވްވުމާއެކު ބައިޑަން ވަނީ ވައިޓް ހައުސްގައި އެކަހެރިވެވަޑައިގެންފައެވެ. ނަމަވެސް މަގާމުގެ މަސްއޫލިއްޔަތުތައް ބައިޑަން އަދާކުރައްވަމުން ގެންދަވާނެކަމަށް ވައިޓް ހައުސްއިން ބުނެއެވެ.

ބައިޑަން ކޯވިޑަށް ޕޮޒިޓިވްވެފައި މިވަނީ މެދުއިރުމައްޗަށް މިދިޔަ ހަފްތާގައި ދަތުރުފުޅެއް ކުރައްވާފައިވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު