ގަލޮޅު ދަނޑުގައި ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ބަންދުކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

މިދިޔަ މަހު ޔޯގާ ހަރަކާތެއް ހިންގަނިކޮށް ގަލޮޅު ދަނޑަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި މުހައްމަދު އިސްމާއިލްގެ ބަންދުގެ މުއްދަތު އެކިފަހަރު މަތިން ކޯޓުން ވަނީ އިތުރުކޮށްފަ އެވެ. އެންމެ ފަހުން އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ޖަހާފައިވަނީ 30 ދުވަހެވެ.

އެ މައްސަލަ އިސްތިއުނާފް ކުރަން އޭނާގެ ފަރާތުން ހައި ކޯޓަށް މިއަދު ހުށަހެޅިޔަސް، އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް ނިންމާފައެއް ނުވެއެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރި ނަމަވެސް އޭގެ ތެރެއިން ބައެއް މީހުން މިހާރު ވަނީ ބަންދުން ދޫކޮށްލައިފަ އެވެ.

އެ މައްސަލާގައި ހައްޔަރުކުރި ޝޭހް ފަޒްލޫން މުހައްމަދު މިއަދު ފުލުހުންގެ ބަންދުން ވަނީ ދޫކޮށްލާފައެވެ. އެކަމަކު ޝޭހް އާދަމް ނިޝާން އަދިވެސް ހުރީ ފުލުހުންގެ ހައްޔަރުގައެވެ. އެ ދެ ބޭފުޅުންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވެސް ވަގުތީ ގޮތުން ވަނީ ހިފަހައްޓާފައެވެ.



ކިޔުންތެރިންގެ ހިޔާލު