އައްޑޫސިޓީ ހުޅުދޫ ބަނދަރާއި ހުޅުމީދޫ މެދު ބަނދަރުގެ މަސައްކަތް ހުއްޓާލަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން އެންގީ ކޮން ސަބަބަކާއި ހެދިކަމެއް ނޭނގޭކަމަށާއި އެކަން ސާފުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޕްލޭނިންގ މިނިސްޓްރީން ހާމަކޮށްފިއެވެ.

އައްޑޫސިޓީ ހުޅުދޫ ބަނދަރާއި ހުޅުމީދޫ މެދު ބަނދަރު ނުވަތަ މިފްކޯގެ ބަނދަރުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އަދި އެމަސައްކަތްތަކުގެ ބޮޑުބައެއް އެމްޓީސީސީން ވަނީ މިހާރު ފުރިހަމަވެސްކޮށްފައެވެ.

މިމަސައްކަތްތައް ނިމެންދަނިކޮށް އީޕީއޭއިން އިއްޔެ ވަނީ އައްޑޫސިޓީ ހުޅުދޫ ބަނދަރާއި ހުޅުމީދޫ މެދު ބަނދަރުގެ މަސައްކަތް ހުއްޓުވާފައެވެ. މިގޮތުން އެ މަޝްރޫޢުތަކުގެ ދަށުން ބިން ހިއްކުމާއި ފަޅު ފުންކުރުމުގެ މަސައްކަތްތައް ހުއްޓާލުމަށް އީޕީއޭއިން ވަނީ އަންގާފައެވެ. އީޕީއޭއިން ބުނީ އެ މަސައްކަތްތައް ހުއްޓާލުމަށް އީއައިއޭ ރިޕޯޓާއި ހިލާފަށް އަމަލުކުރަމުންދާތީކަމަށެވެ. ނަަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

މިކަމާއި ގުޅިގެން ދައުލަތުގެ މީޑިއާއާ ވާހަކަދައްކަވަމުން ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، މިމަސައްކަތް ހުއްޓުމަށް އީޕީއޭއިން އެންގުމުން މަސައްކަތް ހުއްޓާލާފައިވާކަމަށެވެ. އަދި މަސައްކަތް ހުއްޓާލަން އެންގި ސަބަބު ސާފުކުރުމަށް މިނިސްޓްރީން މިހާރު މަސައްކަތް ކުރަމުންދާކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ މިމަޝްރޫޢުތަކަކީ އީއައިއޭ ފުރިހަމަ ކުރެވި، ހުއްދަ ލިބިގެން އީއައިއޭއާއި އެއްގޮތަށް ކުރިއަށް ގެންގޮސްފައިވާ މަޝްރޫޢުތަކެއްކަމަށެވެ.

ހުޅުދޫ ބަނދަރުގެ މަސައްކަތް ހުއްޓާލަން އަންގާފައިވާއިރު އެމްޓީސީސީން މިދިޔަ ހަފްތާގައި ބުނީ ސ. ހުޅުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 88 ޕަސެންޓް ނިމިފައިވާ ކަމަށެވެ. އެގޮތުން ހާބަރ ޕޭމަންޓް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށާއި، ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށްވެސް އެމްޓީސީސީން މައުލޫމާތުދެއެވެ.



ކިޔުންތެރިންގެ ހިޔާލު