ސްރީލަންކާއަށް އައު ރައީސަކު އައްޔަންކުރުމާއެކު އެޤައުމުގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުވާން ފަށާނެކަމަށް އުއްމީދުކުރައްވާކަމަށް އެ ޤައުމުގެ ސިޔާސީ ވެރިންނާއި ގާތް ގުޅުމެއް އޮންނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ އިޤްތިޞާދީ ކާރިސާއަކާއީ ސިޔާސީ ހަމަނުޖެހުންތަކެއްގެ ތެރޭގައި އޮތް ލަންކާގެ ރައީސްގެ މަޤާމަށް ރަނިލް ވިކްރަމަސިންހަ އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން މިއަދު އައްޔަންކުރެއްވުމުންނެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވަނީ ލަންކާގެ ރައީސްކަމުގެ މަޤާމަށް ރަނިލް އައްޔަންކުރެއްވުމާއި ގުޅިގެން އޭނާއަށް މަރުހަބާ ވިދާޅުވެފައެވެ. އެ ޓްވީޓުގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އުއްމީދަކީ، ލަންކާގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތި އުނދަގޫތަކަށް ހައްލުތައް ލިބިގެންދާން ފެށުންކަމަށެވެ.



ލަންކާގެ ރައީސް ހޮވުމަށް ގާނޫނު ހަދާ މަޖިލީހުގައި މިއަދު ނެގި ސިއްރު ވޯޓުގައި ވާދަ ކުރެއްވީ ރަނިލްގެ އިތުރުން ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ދުލާސް އައްލަހަޕެރޫމާއާއި، މާކްސިސްޓް ޕާޓީގެ ލީޑަރު އަނޫރާ ކުމާރާ ޑިސަނަޔަކައެވެ.

ގާނޫނު ހަދާ މަޖިލީހުގެ 225 މެންބަރުންގެ ތެރެއިން 223 މެންބަރުން ބައިވެރިވެވަޑައިގެންނެވި ވޯޓުގައި ރަނިލްއަށް 134 ވޯޓް ލިބިވަޑައިގަތެވެ. އަދި ދުލާސްއަށް ލިބިވަޑައިގަތީ 82 ވޯޓެވެ. އަނޫރާއަށް ތިން ވޯޓު ލިބިފައިވާ އިރު ހަތަރު މެންބަރެއްގެ ވޯޓް ވަނީ ބާތިލުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު