ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރޓީއެލް ބަހުގެ ހިދުމަތް މާލެ އާއި އަތޮޅުތަކުގެ ރައްޔިތުންނަށް ދިނުމަށް އެމްޓީސީސީން ތައްޔާރު ވެއްޖެއެވެ.

އެމްޓީސީސީން މިއަދު ބުނީ، މި ހިދުމަތް ދިނުމަށްޓަކައި މި މަހުގެ 16 ވަނަ ދުވަހު ގެނައި ފުރަތަމަ ޝިޕްމަންޓްގައި 36 ބަސް ރާއްޖެ ގެނެސްފައިވާ ކަމަށެވެ. އަދި އިތުރު 5 ބަސް މި މަހު ފަހުކޮޅު ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެ ކުންފުނިން ބުނެފައިވަނީ، ބަހުގެ ހިދުމަތް މާލެ ސިޓީގެ އިތުރުން، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ލ. ގަން، ފޮނަދޫ އަދި ލ. އިސްދޫ ކަލައިދޫގައި ފަށަން މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

ބަހުގެ ހިދުމަތުގެ ރޫޓުތަކާއި އޮޕަރޭޓް ކުރެވޭ ގޮތަށް ބަލާލާއިރު، މާލޭގައި ދެ ރޫޓަކުން 12 ބަސް ދަތުރުކުރާނެއެވެ. އަދި އައްޑޫ ސިޓީ (ފޭދޫ- ހިތަދޫ) ގައި ދެ ރޫޓަކުން 8 ބަސް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ސިޓީގެ މީދޫގައި ހަތަރު ރޫޓަކުން ހަތަރު ބަސް ދަތުރުކުރާއިރު، ފުވައްމުލައް ސިޓީގައި ތިން ރޫޓަކުން ފަސް ބަހެއް ދަތުރުކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ލ. ގަން، ފޮނަދޫގައި ހަތަރު ރޫޓަކުން ފަސް ބަސް އަދި ލ. އިސްދޫ ކަލައިދޫގައި ދެ ބަސް ދަތުރު ކުރުމަށް ވަނީ ނިންމާފައެވެ. މި ދެ ބަސް ދަތުރުކުރާނީ އެއް ރޫޓަކުންނެވެ.

އެމްޓީސީސީން ބުނީ އެ ކުންފުނީގެ މަގުސަދަކީ ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ބަހުގެ ހިދުމަތް ރައްޔިތުންނަށް ދޭން ފެށުން ކަމަށެވެ.

"ރާއްޖެ ޓްރާންސްޕޯޓް ލިންކް" ގެ ހިދުމަތްތަކުގެ ތެރޭގައި އާރޓީއެލް ފެރީގެ ހިދުމަތް ވެސް ހިމެނެއެވެ. އެގޮތުން، ހދ. އަދި ހއ. އަތޮޅަށް އާރޓީއެލް ފެރީގެ ހިދުމަތް ދޭން ފަށާފައިވާއިރު، ށ. އަތޮޅުގައި މި ހިދުމަތް ދިނުމުގެ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު