ދިވެހިރާއްޖޭގައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭނެފަދަ އެއްވެސް ކަމެއް ދިވެހި ފުލުހުންގެ ޚިދުމަތުން ނުކުރާނެކަމަށް އެ މުއައްސަސާއިން ބުނެފިއެވެ.

ފުލުހުން މިހެން ބުނީ ނޫސްވެރިއެއް ފުލުހަށް ހާޒިރު ކުރާކަމަށް ބުނެ ބައެއް މީޑިއާ ތަކުގައި ފެތުރެމުންދާ ޚަބަރާ ގުޅޭ ގޮތުންނެވެ.

ފުލުހުން ބުނީ ސ. ހިތަދޫ، ހެޕީހާރޓް، އަޙްމަދު އަޒާން މަރުޒޫޤް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނީ، އައިޖީއެމް ހޮސްޕިޓަލްގެ ޕޯޓަލުން އާންމު ރައްޔިތުންނާއި ދައުލަތުގެ އިސްފަރާތްތަކުގެ ޒާތީ މައުލޫމާތަށް ހުއްދަނެތި އެކްސެސްވިގޮތާ ގުޅޭގޮތުން ފުލުހުން ހިންގާ ޖިނާއީ ތަހުގީގުގައި ސުވާލު ކުރުމަށްކަމަށެވެ. އަދި މިއީ ދިވެހި ފުލުހުންގެ ޚިދުމަތުން ފެބްރުއަރީ 2022 ން ފެށިގެން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ މިމައްސަލައިގެ ތަހުގީގުގައި އިތުރު ފަރާތްތަކާވެސް ސުވާލުކުރެވިފައިވާކަމަށެވެ.

ފުލުހުން ބުނީ އަޙްމަދު އަޒާން މަރުޒޫޤް ފުލުހަށް ހާޒިރު ކުރަނީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިޔެފައިވާ ލިޔުމެއް ނުވަތަ ނޫސްވެރިކަމާ ގުޅުންހުރި ކަމަކާ ގުޅިގެން ނޫންކަމަށެވެ. އަދި ދިވެހިރާއްޖޭގައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅިދާނެފަދަ އެއްވެސް ކަމެއް ދިވެހި ފުލުހުންގެ ޚިދުމަތުން ނުކުރާނެކަމުގެ ޔަގީންކަން އަރުވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު