އިންޑިއާގެ މަގުބޫލު ޓްރެވެލް އެޖެންޓުންގެ ޓީމެއް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ / ވިޒިޓް މޯލްޑިވްސް)ގެ ދައުވަތަކަށް ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެ އަތުވެއްޖެއެވެ.

މި ދަތުރަކީ އިންޑިޔާ މާކެޓުގައި އެންމެ މަގުބޫލު އަދި އެންމެ އިސްކަންދޭ މަންޒިލްގެ ގޮތުގައި ދިވެހިރާއްޖޭގެ މަގާމު ދެމެހެއްޓުމަށް އެމްއެމްޕީއާރުސީއިން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހިނގާ ޖުލައި މަހުގެ 16 އިން 22 ގެ ނިޔަލަށް ކުރިއަށް ގެންދާ ދަތުރެކެވެ.

މި ޓީމުގައި ހިމެނޭ އެޖެންޓުންގެ ތެރޭގައި އައި އެމް ޓްރެވެލް އެޖެންޓް، މޭކްމައިޓްރިޕް، ނިވާލިންކް، އެސްޕެން ވެކޭޝަންސް، އަދި ހޮލިޑޭ ކާމާގެ މެންބަރުން ހިމެނެއެވެ. މި ދަތުރުގައި މި ޓީމު ތިބުމަށް ހަމަޖެހިފައިވަނީ ގްރޭންޑް ޕަރކް ކޯދިއްޕަރު، ކޮރޮސްރޯޑްސް މޯލްޑިވްސް، އަދި ހައިޑްއަވޭ ބީޗް ރިޒޯޓް އެންޑް ސްޕާ ގައެވެ. މި ދަތުރުގައި ރާއްޖޭގެ މެހެމާންދާރީ އާއި، ތަފާތު ތަޖުރިބާތަކާއި ހިދުމަތްތައް, އަދި އެ ޕްރޮޕަޓީން ލިބެން ހުންނަ ހާއްސަ ކެއެންތައް ތަޖުރިބާކުރާނެއެވެ.

މި ފެމިލިއަލައިޒޭޝަން ދަތުރުގެ ބޭނުމަކީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ގޮންޖެހުމަށްފަހު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބުނު ކުރިއެރުމާއި، މަގުބޫލުކަން އިތުރުކުރުމާއި ފަތުރުވެރިންނަށް ރާއްޖޭއިން ލިބޭ ތަފާތު ތަޖުރިބާތަކާ މެދު އިންޑިޔާ މާކެޓުގައި ހޭލުންތެރިކަން އިތުރުކުރުމެވެ. ފެމިލިއަރައިޒޭޝަން ދަތުރުތަކުން ހާސިލް ކުރަން ބޭނުންވާ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޓްރެވަލް އޭޖެންޓުންނަށް ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާ ކުރުމުގެ ފުރުސަތު ދިނުމެވެ. އަދި އެ ތަޖުރިބާތަކުގެ އަލީގައި ރާއްޖެއާބެހޭ ފުރިހަމަ މަޢުލޫމާތު އެ ފަރާތްތަކުގެ ކަސްޓަމަރުންނަށް ދިނުމަށާއި ރާއްޖޭގެ ޕްރޮޑަކްޓްތައް މާކެޓްކޮށް ވިއްކަން ފަސޭހަކޮށްދިނުމެވެ.

މި ދަތުރުގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ބުކިންތައް އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. މި އަހަރު މިހާތަނަށް އެމްއެމްޕީއާރުސީއިން ވަނީ ޓޫހަބް އާއި އެކު ޑެސްޓިނޭޝަން އީ-ލާނިންގ ކެމްޕޭނެއް ބާއްވާ، އިންފްލުއެންސަރ ފެމިލިއަލައިޒޭޝަން ދަތުރަކާއި، ސެލެބްރިޓީ ފެމިލިއަލައިޒޭޝަން ދަތުރުތައް ބާއްވާފައެވެ. އިންޑިއާ މާކެޓަށް އަމާޒުކޮށް އޯޓީއެމް، ސާޓޭ، އަދި ޓީޓީއެފްގައި ވެސް މި އަހަރުއެމްއެމްޕީއާރުސީ އިން ވަނީ ބައިވެރިވެފައެވެ. އަދި ދިވެހިރާއްޖޭގެ ހާއްސަ ރޯޑްޝޯއެއް ވެސް ވަނީ އިންޑިޔާގައި ބޭއްވިފައިވެއެވެ. ތޯމަސް ކުކް, ޕިކްޔޯރޓްރެއިލް, އަދި ވިސްޓާރާ އިންފްލައިޓް މެގަޒިނާއެކު ޖޮއިންޓް މާކެޓިންގ ކެމްޕޭންތައް މިހާރުވެސް ކުރިއަށް އެބަދެއެވެ. މި އަހަރުގެ ކުރިއަށް އޮތް ތަނުގައި މި މާކެޓަށް އަމާޒުކޮށްގެން އިތުރު ގިނަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މި ޖޫން މަހުގެ 29 ވަނަ ދުވަހާއި ހަމައަށް ބަލާއިރު، އިންޑިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކުރާ ލީޑިން މާކެޓެވެ. މިގޮތުން މި މުއްދަތުގައި އިންޑިއާއިން ރާއްޖެއަށް 119,167 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 732،884 ޖުމްލަ އެރައިވަލްގެ 14.3 އިންސައްތަ މާކެޓް ޝެއާއެވެ. އިންޑިއާ އަކީ 2021 ވަނަ އަހަރު 278،740 އަށްވުރެ ގިނަ ފަތުރުވެރިންނާއެކު ރާއްޖެއަށް އެންމެ ބޮޑު މާކެޓެވެ. އެއީ ޖުމްލަ އެރައިވަލްގެ 22.6 އިންސައްތަ އެވެ. އިންޑިއާ އަކީ 2020 ވަނަ އަހަރުގެ ވެސް އެންމެ ބޮޑު އެއް މާކެޓެވެ. އެއީ 62,960 ފަތުރުވެރިންނާ އެކު މާކެޓުގެ 11.3 އިންސައްތައާ އެކުއެވެ.



ކިޔުންތެރިންގެ ހިޔާލު