ހޮޓާ ކެފޭތަކުގައި ސިނގިރޭޓް ބުއިމަށް ހާއްސަކޮށްފައިވާ ތަންތަން ޗެކް ކުރުމަށް މިއަދު ހާއްސަ އިނިސްޕެކްޝަނެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

ހެލްތް ޕްރޮޓްކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނަށް، ކެފޭ ތަކާއި ފިހާރަތައް ހިންގާ ފަރާތްތައް އަހުލުވެރިކުރުމަށް ހާއްސަ އިންސްޕެކްޝަނެއް މިއަދުން ފެށިގެން ކުރިއަށް ގެންދަން ނިންމާފައިވާކަމަށެވެ. މި އިންސްޕެކްޝަނުގައި އެޗްޕީއޭގެ އިތުރުން ކަމާއި ގުޅުން ހުރި ދައުލަތުގެ އެހެން ބައެއް އިދާރާތައްވެސް ބައިވެރިވާނެ ކަމަށް ވެސް އެ އޭޖެންސީން ވަނީ ބުނެފައެވެ.

މި އިންސްޕެކްޝަންގެ ތެރެއިން މިހާރު ގަވާއިދާ ހިލާފަށް ހުރި ކަންކަން ދެނެގަނެ، މައުލޫމާތު ދީ، އިސްލާހު ކުރެވޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ. ނަމަވެސް، މި ހަރަކާތް ހިންގަނީ ކޮން ރަށެއްގައި ކިހާ މުއްދަތަކަށް ކަމެއް އެ އޭޖެންސީން ހާމަކޮށްފައެއް ނުވެއެވެ.

ގާނޫނުގައި ބުނާގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ތަނެއްގައި އެ އަމަލު ހިންގުމަކީ އެންމެ ފުރަތަމަ ފަހަރުނަމަ 500 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ކަމެކެވެ. ނަމަވެސް، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ އެފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ އާންމު ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު