ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ދޭންޖެހޭ އެއްޗެހި ދިނުމަށް ކަނޑައަޅާ ވަކި ގާނޫނެއް އޮތުން މުހިންމު ކަމަށް އެމްއެންޕީގެ ނާއިބު ރައީސް އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިފަދައިން ވިދާޅުވީ، މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ދެއްކެވި ވާހަކައަކާއި ގުޅިގެނެވެ. މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދިނުން އިންސާފުވެރިތޯ ބަލަން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވާނެކަމަށް ލިޔެފައިވާ ލިޔުމަކާ ގުޅިގެން ބޮންޑެ ވިދާޅުވީ، ގިނަ ގޯތިތައް ލިބޭނީ 2 ވަނަ ބޮޑު ހަގުރާމައިގެ ތެރޭ، ބޮޑުތަދުގެ ތެރޭ މާލެއަށް ހިޖުރަކުރި އަތޮޅުތަކުގެ ރައްޔިތުންނާއި އެމީހުންގެ މުނިމާމަ މުނިކާފަ ދަރީންނަށް ކަމަށެވެ. އަދި މާލޭ ރައްޔިތުންނަށް ހައްގުވާމިންވަރު ދިނުމާއި ދެކޮޅުހަދާނީ މާޒީއާއި ތާރީހު އޮޅުންނުފިލާ ރައްޔިތެއްކަމަށް ވެސް ބޮންޑެ ވަނީ ވިދާޅުވެފައެވެ.

މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމުން ގިނަ ގޯތި ލިބޭނީ އަތޮޅު ތަކުން މާލެއައިސް ތިބި މީހުންނަށް ކަމަށް ދޭހަވާގޮތަށް ބޮންޑެ ވިދާޅުވި މި ވާހަކައާއި ގުޅިގެން އަޙްމަދު ޝަރީފް ވިދާޅުވީ، އެއްވެސް ގާނޫނެއްގައި ގޯތިދިނުމުގެ ބާރެއް ރައީސަށް އޮންނަކަމަށް އެނގިފައިނެތް ކަމަށެވެ. އަދި މިހާތަނަށް މާލެއިން ގޯތިދެމުން އަންނަނީ ރައީސުންގެ ހެޔޮފުޅުކަމުން ދެއްވާ އެއްޗެއްގެ ގޮތުގައި ކަމަށާ އެހެންކަމުން ރައްޔިތުންނަށް ސަރުކާރުން ދޭންޖެހޭ އެއްޗެއް ދިނުމަށް ކަނޑައަޅާ ވަކި ގާނޫނެއް އޮތުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދޫކުރުމުގެ ބަހުސަކީ މާލޭގެ ރަށްވެހިންނާއި މާލެއަށް ހިޖުރަކޮށްގެން އުޅޭ އަތޮޅުތަކުގެ ރައްޔިތުންގެ މެދުގައި ކުރެވޭ ވަރުގަދަ ބަހުސަކަށް ވަނީ ވެފައެވެ. އަމިއްލަ ރަށުގައި ހުރި ބޮޑެތި ގޯތިތައް ދޫކޮށްލާފައި މާލެއަށް ހިޖުރަކޮށްގެން އުޅޭ އަތޮޅުތަކުގެ ރައްޔިތުންގެ ވެސް ޝަކުވާއަކީ މާލެއިން ގޯތި ދިނުމުގައި މާލޭ ރައްޔިތުންނާއި އެމީހުންނާ ތަފާތު ކުރާކަމަށް ބުނެ ކުރާ ޝަކުވާއެވެ.

މާލޭ ރައްޔިތުންނަށް ގޯތި ދިނުމަކީ ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޙް ވެވަޑައިގެންފައިވާ ވައުދެކެވެ. އެމްޑީޕީގެ އެޖެންޑާ 19ގެ ވެސް ވަޢުދެކެވެ. ރައީސް ޞާލިޙްގެ ވައުދާއި އެއްގޮތަށް މާލޭރައްޔިތުންނަށް ދޫކުރާ 3000 ގޯއްޗަށް އެދުމުގެ ފުރުސަތު މިދިޔަ މަހުގެ ތެރޭގައި ވަނީ ހުޅުވާލާފައެވެ. އެ ފުރުސަތުގައި މިހާތަނަށް 5000 އަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވާކަމަށް ޕްލޭނިންގ މިނިސްޓްރީން މީގެ ކުރިންވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު