ސަރުކާރުން ޢިމާރާތްކުރާ ފުލެޓްތަކުން ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް ލިބޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙު މިރޭ ވިދާޅުވެއްޖެއެވެ.

ކަސްޓަމްގެ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ ކަސްޓަމްސް މުވައްޒަފުންގެވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ، ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. އަދި އެކަން ޙައްލުކުރުމަށް އެކި ދުވަސްވަރު ތަފާތު މަސައްކަތްތައް ކޮށްފައި އެބަހުރި ކަމަށާއި ނަމަވެސް މިއަދާ ހަމައަށް އައިއިރު އެކަން އަދިވެސް އޮތީ މުވައްޒަފުންގެ ބޮޑު ކަންބޮޑުވުމަކާއި ޝަކުވާއެއްގެ ގޮތުގައި ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"ސަރުކާރުގެ ހުރިހާ މަޝްރޫޢުތަކެއްވެސް މި ހިންގަނީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް. އޭގެ ތެރެއިން އެންމެ އިސްކަންދޭ އެއް ޚިދުމަތަކީ ބޯހިޔާވަހިކަން ހޯދައިދިނުން. އެގޮތުން ސަރުކާރުން ޢިމާރާތްކުރާ ފްލެޓްތަކުން، މިހާރު އިމާރާތް ކުރަމުން މިގެންދާ ފްލެޓްތަކުން ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް ލިބޭނެ އިންތިޒާމު އަޅުގަނޑުމެން ހަމަޖައްސައިދޭނަން." ރައީސް ސާލިޙު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ކަސްޓަމްސްގެ މުވައްޒަފުންނަށްވެސް ހެލްތު އިންޝުއަރެންސް ދެވޭނެ އިންތިޒާމެއް ޤާއިމްކުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެެވެ. އަދި މިއީ 2020 ވަނަ އަހަރުން 2024 ވަނަ އަހަރަށް ކަނޑައަޅާފައިވާ ކަސްޓަމްސްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައިވެސް ހިމެނިފައިވާ ކަމެއް ކަން ފާހަގަކުރަށްވައި ރައީސް ވިދާޅުވީ އެކަން ކުރެވޭނެ މަގެއް ސަރުކާރުން ހޯއްދަވައިދެއްވާނެ ކަމަށެވެ. ރައީސް ވަނީ ކަސްޓަމްސްގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރަމުންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

"ސަރުކާރުގެ އަމާޒަކީ، ކަސްޓަމްސްގެ ޚިދުމަތްތައް ހަރުދަނާކޮށް، ރާއްޖެއަށް ކުރިމަތިވެފައިވާ، މަސްތުވާތަކެތީގެ މައްސަލަތަކާއި، ޓެރަރިޒަމާއި، މަނީ ލޯންޑަރިންގެ މައްސަލަތަކަށް އެދެވޭ ޙައްލެއް ހޯދުން." ރައީސް ސާލިޙު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު