އާއިލާއާއެކު، އީދު ޗުއްޓީއަށް ކ. ދިއްފުށްޓަށް ދިޔަ ގއ. ވިލިނގިލީ ޒުވާނެއްގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައި، އޭނާއަށް ހަމަލާދީ މާރާމާރީ ހިންގި ކަމަށްބުނާ މައްސަލަ ކުށްވެރިކޮށް، އެ އަތޮޅު ވިލިނގިލީގައި މިއަދު ހަވީރު މުޒާހަރާ ކޮށްފިއެވެ.

ދިއްފުށީގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ އެ މީހާ ބަރަހަނާކޮށް އަނިޔާކޮށްފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އެ މައްސަލާގައި ތުހުމަތުކުރެވޭ މީހާ ބުނާ ގޮތުގައި އެ ކުއްޖާއާ އޭނާ ބެހިފައެއް ނުވާނެއެވެ. އަދި އޭނާއަށް އަނިޔަކުރީ ވެސް އެ ކަމަށް އިންކާރުކުރަމުން ދަނިކޮށްކަމަށް ބޮޑެތި އަނިޔާތަކެއް ލިބި ފަރުވާ ހޯދުމަށް ހޮސްޕިޓަލުގައި އޮވެ އާންމުކުރި ވީޑިއޯއެއްގައި އޭނާ ވަނީ ބުނެފައެވެ.

އެ މައްސަލާގައި މިއަދު ހަވީރު ވިލިނގިލީގައި ބޭއްވި މުޒާހަރާގައި އެ ރަށުގެ ދެ ޖިންސުގެ ވަރަށް ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. އަދި އެ ޒުވާނާއަށް އިންސާފު ހޯދާދިނުމަށް ގޮވާލާ ބެނާތައް ވެސް އެއްވުމުގެ ބައިވެރިން ވަނީ ގެންގުޅެފައެވެ.

އަނިޔާ ލިބުނު މީހާ ބުނި ގޮތުގައި އޭނާއަށް އެތައް ބަޔަކު ވެގެން އަނިޔާ ދެމުންދިޔައިރުވެސް ދިއްފުށި އެތައް ބަޔަކާއި ފުލުހުން ތިބީ ބަލާށެވެ. އަދި އެކަން ހުއްޓުވަން އެއްވެސް ވަރަކަށް ފުލުހުން މަސައްކަތް ނުކުރާކަމަށްވެސް އޭނާ ބުންޏެވެ. މީގެއިތުރުން މި އަމަލު ހިންގުމުގައި ފުލުހުންގެ ބައިވެރިވުން އޮތްކަމަށްވެސް ތުހުމަތުކުރެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު