ދިއްފުށީގައި ގއ. ވިލިނގިލީ މީހަކަށް އަނިޔާކޮށް ހިންގި ލާއިންސާނީ އަމަލު ތަހުގީގުކުރަން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ގޮވާލައްވައިފިއެވެ.

ސައުދު މިކަމަށް ގޮވާލާފައި މިވަނީ ދިއްފުށީގައި އާއްމުންގެ ބަޔަކު އެއްވެގެން މީހެއްގެ ފުރާނައަށް ނުރައްކާވާވަރުގެ އަނިޔާތަކެއް ދީފައިވާއިރު އެމައްސަލަ ތަހުގީގްކުރަން ފުލުހުން ނޫޅޭކަމަށް ބުނެ ގިނަ ބަޔަކު ފާޑު ކިޔަމުންދާ ދަނޑިވަޅެއްގައެވެ.



ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ވިދާޅުވީ ދިއްފުށިން ފެނިގެންދިޔައީ ލާއިންސާނީ އަނިޔާވެރި ނުރައްކާ މާހައުލެއްކަމަށެވެ. އަދި ކުށެއްގެ ތުހުމަތެއްވާނަމަ އެކަންކަން ބެލޭނެ ގާނޫނީ ހަމަތަކެއްވާކަމަށް އޭނާ ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ ވިލިނގިލީ ރައްޔިތެއްގެ މައްޗަށް ހިންގާފައި އެވަނީ ރޭވިގެން ހިންގުނު ޓެރަރިޒަމްގެ އަމަލެއްކަމަށެވެ. އަދި އެ ޖަރީމާ ހިންގި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ފުލުހުންނަށް ސައުދު ގޮވާލެއްވިއެވެ.



ދިއްފުއްޓާމެދު ގިނަ ބަޔަކު ނުރުުހުން ފާޅުކޮށް، ފާޑު ކިޔަން ފަށާފައި މިވަނީ އީދު ފާހަގަކުރުމަށް އެ ރަށަށް ދިޔަ މީހަކަށް އެއްވެސް ސަބަބެއް ނެތި ދިން އަނިޔާތަކެއްގެ ސަބަބުންނެވެ.

ދިއްފުށީގައި ހިނގި މި ހާދިސާގައި އަނިޔާކޮށްފައި ވަނީ ގއ. ވިލިނގިއްޔަށް ނިސްބަތްވާ ޒުވާނަކަށެވެ. އާއިލާއާ އެއްކޮށް ދިއްފުށްޓަށް ޗުއްޓީއަށް ދިޔަ އެ ޒުވާނާއަށް އަނިޔާކުރީ ކުޑަ ކުއްޖަކާއި ބެހުނުކަމަށް ބުނެއެވެ. އޭނާއަށް އަނިޔާކޮށްފައިވަނީ ބަރަހަނާކުރުމަށްފަހުއެވެ.

އަނިޔާ ލިބުނު މީހާ ބުނި ގޮތުގައި އޭނާއަށް އެތައް ބަޔަކު ވެގެން އަނިޔާ ދެމުންދިޔައިރުވެސް ދިއްފުށި އެތައް ބަޔަކާއި ފުލުހުން ތިބީ ބަލަން ކަމަށެވެ. އަދި އެކަން ހުއްޓުވަން އެއްވެސް ވަރަކަށް ފުލުހުން މަސައްކަތް ނުކުރާކަމަށްވެސް އޭނާ ބުންޏެވެ. މީގެއިތުރުން މި އަމަލު ހިންގުމުގައި ފުލުހުންގެ ބައިވެރިވުން އޮތްކަމަށްވެސް ތުހުމަތުކުރެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު