ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމާއި ދިމާކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ 50 ފަރާތަކަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީން ޚާއްސަ އެވޯޑެއް ދީފިއެވެ.

މި އެވޯޑުތައް ދީފައިވަނީ ކުރުނބާ މޯލްޑިވްސްގައި ބޭއްވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ޝަރަފްވެރިކޮށްދެއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް، މަޓީން ދީފައިވާ 50 އެވޯޑްގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް އެވޯޑަކީ ރާއްޖޭގައި ފަތުރުވެރިކަން ތަޢާރަފްކުރެއްވި ބޭފުޅުންނަށް ދެއްވި އެވޯޑެވެ. މިއެވޯޑް ދީފައިވަނީ މުހައްމަދު ޢުމަރު މަނިކާއި ޗަމްޕާ ހުސައިން އަފީފާއި ކެރަފާ އަޙްމަދު ނަސީމާއި ޖޯޖް ކޯބިންއަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ ކުރީގެ 2 ރައީސުންކަމަށްވާ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި ރައީސް އިބްރާހީމް ނާސިރަށްވެސް މި އެވޯޑް ވަނީ އަރުވާފައެވެ.



މި އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މަޓީގެ ޗެއަރމަން މުޙައްމަދު ޢުމަރު މަނިކު ވިދާޅުވީ، މި އެވޯޑް ހަފްލާ ބޭއްވުމުގެ އެންމެ މުހިންމު ބޭނުމަކީ ފަތުރުވެރިކަމަށް އަގުހުރި ޚިދުމަތް ކުރެއްވި ފަރާތްތަކުގެ އަގު ވަޒަންކުރުންކަމަށެވެ. މިއަދު ރާއްޖޭގެ ފަތުރުވެރިކަން އޮތް ހާލަތަށް އެސިނާއަތް ގެނެސްދެއްވި ފަރާތްތަކަށް ހައްޤު ޝުކުރު އަދާކުރުމަކީ ކުރެވޭވަރަށްވުރެ މާބޮޑު ކަމެއްކަމަށް އެމް ޔޫ މަނިކް ވިދާޅުވި އެވެ.

އެވޯޑް ލިބުނު ފަރާތްތަކުގެ ތެރޭގައި ފަރުދުންނާއި، ރިސޯޓްތަކާއި، އެއަރލައިންތަކާއި، ކުންފުނިތަކާއި، ޓްރެވެލް އެޖެންސީތައް ހިމެނެއެވެ. މި އެވޯޑުދިން ފަރާތްތައް ހޮވާފައިވަނީ އެވޯޑަށް ނޮމިނޭޓްކުރި ފަރާތްތައް ޖަޖިންގެ ޕެނަލަކުން ބެލުމަށްފަހުގައެވެ.

މި އެވޯޑްގެ އިތުރުންވެސް ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މަޓީން އިތުރު ހަރަކާތްތަކެއް ހިންގުމަށްވެސް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި 265 މީހަކަށް އެވޯޑް ދިނުމަށް ޚާއްސަ އެވޯޑް ހަފްލާއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު