ދުނިޔޭގެ އިގްތިޞާދު ހައްސާސް ދަނޑިވަޅެއްގައި އޮތް މި ވަގުތުގައި އަމާންކަމުގެ އައްސޭރިއަށް ދެވޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެންކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ އެކި ހަރަކާތްތަކުގެ ތެރެއިން މަޓީން މިއަދު ކުރުނބާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ މިއަދުވެސް ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށެވެ. އަދި އެކަމުގެ ސަބަބުން ބައެއް ކަންކަން ވަރަށް ބޮޑަށް ދަތިވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

"މިއަދުވެސް ދުނިޔޭގެ އިގްތިސާދު އޮތީ މާ ފަހިކޮށެއް ނޫން. ޔޫރަޕްގެ އިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެއަށް ނުރައްކާވެއްޖެ. އިގްތިސާދުތައް ހީނަރުކޮށް ދަތުރުފަތުރަށް ބުރޫ އަރުވައިފި. ކާބޯތަކެތީގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދެން ފަށައިފި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިފަދަ ހައްސާސް ދަނޑިވަޅެއްގައި ކޮންމެ ގައުމަކަށް ވެސް އަމާން ކަމުގެ އައްސޭރި އަށް ދެވޭނީ ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރާ މަސައްކަތުންކަމަށެެވެ.

ރައީސް ވިދާޅުވީ 2020 ވަނަ އަހަރު ކްރޯނާ ވައިރަސް ދުނިޔޭގެ ފެތުރެން ފެށުމާއެކު ދުނިޔެ ހުއްޓި، ފަތުރުވެރިކަންވެސް ހުއްޓުމަކަށް އައިކަމަށެވެ. އަދި އެކަމުން ރާއްޖެފަދަ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައުމަކަށް ވަރަށް ބޮޑެތި ދަތި އުނދަގޫތައް ކުރިމަތިވިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޯވިޑް ފެތުރެން ފެށުމުން ބޯޑަރު ބަންދުކުރަން ނިންމީ ގިނަ ބަޔަކު ދެކޮޅު ހަދަމުންދަނިކޮށްކަމަށެވެ. އަދި އަލުން ބޯޑަރު ހުޅުވާލަން ނިންމީވެސް ބައެއް ބޭފުޅުންނާއި ދެކޮޅަށްކަމަށެވެ. ނަމަވެސް އެއީ ރަނގަޅު ނިންމުންތަކެއްކަމަށާއި މިއަދު މިހާހިސާބަށް މިއާދެވުނީ އެކަމުގެ ސަބަބުންކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު