ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، 54 ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕް 2022 ރަސްމީކޮށް ހުޅުއްވައި ދެއްވައިފިއެވެ.

ރައީސް ސާލިޙު މި ޗެންޕިއަންޝިޕް ރަސްމީކޮށް ހުޅުއްވައިދެއްވާފައި ވަނީ މިރޭ މިކަމަށްޓަކައި މާލެއަތޮޅު މާފުށީގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

54 ވަނަ އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ މިފަހަރުގެ މުބާރާތް ރާއްޖޭގައި ބާއްވާއިރު، މި މުބާރާތް އިންތިޒާމް ކޮށްފައި ވަނީ ބޮޑީބިލްޑިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި، މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ގުޅިގެންނެވެ. މި މުބާރާތް ކުރިޔަށްދާނީ މި ހިނގާ ޖުލައި މަހުގެ 15 ވަނަ ދުވަހުން 21 ވަނަ ދުވަހުގެ ނިޔަލަށް ކ. މާފުށީގައެވެ. ބައިނަލްއަޤްވާމީ މި މުބާރާތަކީ ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ 54 ވަނަ އެޑިޝަންއެވެ. މިފަހަރުގެ މުބާރާތުގައި 24 ޤައުމަކުން 400 އަށް ވުރެ ގިނަ އެތްލީޓުންނާއި، އޮފިޝަލުން ބައިވެރިވެއެވެ.



މިރޭ ބޭއްވި ހުޅުއްވުމުގެ ރަސްމިއްޔާތުގައި، ރާއްޖޭގައި ބޮޑީބިލްޑިންގ ކުރިއެރުވުމަށް ކުރައްވާ މަސައްކަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން އޭޝިއަން ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ފެޑަރޭޝަން (އޭ.ބީ.ބީ.އެފް) ގެ ފަރާތުން ރައީސަށް ވަނީ ހަނދާނީ ފިލައެއް ވެދުމަަށް އަރުވާފައެވެ.

ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަކީ ރައީސް ސާލިޙު ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ވަޢުދެކެވެ.



ކިޔުންތެރިންގެ ހިޔާލު