ޖެޓް ފިއުލްގެ އައު ޝިޕްމަންޓެއް ލިބިފައިވާކަމަށާއި މި ޝިޕްމަންޓާއެކު ޖެޓް ފިއުލް ލިބުން އިތުރަށް ފަސޭހަވެގެންދާނެކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޑެޓް، އެމްއޭސީއެލުން ބުނެފިއެވެ.

ލަންކާއަށް ތެޔޮ ލިބުން ދަތިވުމުން ރާއްޖެއަށް ޖެޓް ފިއުލް އަޅަން އަންނަ ބޯޓުތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެއާއެކު އެމްއޭސީއެލުން ބޯޓުތަކަށް ތެޔޮ ދޫކުރަމުން ދަނީ ލިމިޓްކޮށްގެންނެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީން ބުނީ ޖެޓް ފިއުލްގެ އައު ޝިޕްމަންޓް އިއްޔެ ލިބިފައިވާކަމަށެވެ. އަދި ވަރަށް އަވަހަށް މި ޝިޕްމަންޓުން ތެޔޮ ދޫކުރަން ފަށާނެކަމަށް އެމްއޭސީއެލުން ބުނެއެވެ.



އެމްއޭސީއެލުން ބުނީ ކުރިން ޖެޓް ފިއުލް ރީޓެސްޓްކުރުމަށްޓަކައި ފޮނުވަންޖެހެނީ ދުބާއީއަށްކަމަށާއި ނަމަވެސް މިހާރު ރާއްޖެ އެތެރެކުރާ ތެޔޮ ރާއްޖޭގައި ޓެސްޓުކޮށް ކޮލެޓީ ދެނެގަނެވޭނެ ލެބެއް އެސްޓީއޯއިން ހުޅުވާފައިވުމުގެ ސަބަބުން، ވަގުތުން ޓެސްޓްކޮށް އަވަހަށް ބޯޓުތަކަށް ތެޔޮ ފޯރުކޮށްދެވޭނެކަމަށް އެމްއޭސީއެލުން ބުނެއެވެ.

ލަންކާއަށް ދިމާވެފައިވާ ހާލަތާއި ގުޅިގެން އެމްއޭސީއެލުން ތެޔޮ ފޯރުކޮށްދޭ އެއަރލައިންތަކުގެ އަދަދު އިތުރުވިނަމަވެސް އެމްއޭސީއެލުން ވިދާޅުވީ ބޯޓުތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދެވޭނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު