ސްރީލަންކާގެ ރައީސް ކަމުން މިއަދު އިސްތިއުފާ ދެއްވި ގޮތަބަޔާ ރާޖަޕަކްސަ ރާއްޖެއަށް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން ދިވެހި ސަރުކާރުން ރަސްމީކޮށް ފުރަތަމަ ފަހަރަށް ވާހަކަ ދައްކައިފިއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގޮތަބަޔާ ޖުލައި 13 ގައި ރާއްޖެ ވަޑައިގެންނެވީ ޓްރާންސިޓް ދަތުރެއްގައި ކަމަށާއި މިއަދު ގޮތަބަޔާ ރާއްޖެ އިން ފުރާވަޑައިގެންފައިވާ ކަމަށެވެ. ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވީ ސްރީލަންކާ ސަރުކާރުން ރަސްމީކޮށް ދިވެހި ސަރުކާރަށް އެދަތުރު ކުރާކަން އެންގުމަށް ފަހު ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.



ލަންކާގެ އަސްކަރީ މަތިންދާބޯޓެއްގައި އަންގާރަ ދުވަހުގެރޭ ރާއްޖެ ވަޑައިގެންނެވި ގޮޓާބަޔާ ބުރާސްފަތި ދުވަހުގެ މެންދުރުގެ ވަގުތެއްގައި ވަނީ ސައުދީ އަރަބިއްޔާގެ މަތިންދާބޯޓެއްގައި ސިންގަޕޫރަށް ވަޑައިގެންފަ އެވެ. ގޮޓާބަޔާއާއެކު އޭނާގެ އަނބިކަނބަލުންނާއި ސެކިއުރިޓީ ދެ އޮފިސަރަކު ރާއްޖެ ވަޑައިގެންނެވި އެވެ.

33 ގަޑިއިރު ރާއްޖޭގައި ހޭދަކުރެއްވުމަށްފަހު ސިންގަޕޫރަށް ވަޑައިގެން ގޮޓާބަޔާ ވަނީ އިސްތިއުފާގެ ސިޓީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސަށް އީމެއިލް މެދުވެރިކޮށް ފޮނުއްވާފައެވެ. އިސްތިއުފާ ދެއްވުމުގެ ކުރިން ލަންކާގެ ރައީސް ވަނީ ވެރިކަމުގެ ބާރުތައް ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ އާއި ހަވާލު ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު