އިންޓަނޭޝަނަލް ޔޯގާ ދުވަހާއި ގުޅިގެން ހިނގި ހަމަނުޖެހުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ފަރާތްތައް ދޫކޮށްލުމަށް ގޮވާލާ އިދިކޮޅުން ބާއްވާ "މިނިވަންކުރޭ" އިހުތިޖާޖު ފަށައިފިއެވެ.

ޕީޕީއެމް އޮފީސް ކުރިމަތީ މިރޭ ފެށި މި އިހުތިޖާޖުގައި ޕީޕީއެމް/ޕީއެންސީގެ އިސް ފަރާތްތަކުން ދަނީ ބައިވެރިވަމުންނެވެ. މި އިހުތިޖާޖުގައި ވާހަކަ ދެއްކި ފަރާތްތަކުން ވަނީ، ޔޯގާ ދުވަހު ހައްޔަރުކުރި ޕީޕީއެމްގެ އިސް ފަރާތެއްކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލާއި، ދީނީ ޢިލްމުވެރިންކަމަށްވާ ޝެއިޚް ފަޒްލޫނާއި ޝެއިޚް ނިޝާން ހިމެނޭހެން ހައްޔަރު ކޮށްފައިވާ ފަރާތްތައް ދޫކޮށްލުމަށް ގޮވާލާފައެވެ. އަދި މި އިހުތިޖާޖުގެ ބައިވެރިން އަޑުއުފުލަމުން ދަނީ އެ ފަރާތްތައް ބަންދުން ދޫކޮށްލުމަށް ގޮވާލާ އެކިއެކި ޝިއާރުތައް ލިޔެފައިވާ ބޯޑުތައް ވެސް ހިފައިގެން ނެވެ.

މި އިހުތިޖާޖު ފަށައިގެން މާގިނައިރުތަކެއް ނުވެ ފުލުހުން ވަނީ އެއްވުން ރޫޅާލާނެކަމުގެ އިންޒާރު ދީފައެވެ.

ޔޯގާ ދުވަހާއި ގުޅިގެން ހިނގި ހަމަނުޖެހުމުގައި ހައްޔަރުކުރި ފަރާތްތަކަށް އެކި ފަހަރުމަތިން ވަނީ ހައްޔަރުގެ މުއްދަތު ޖަހާފައެވެ.



ކިޔުންތެރިންގެ ހިޔާލު