ސްރީލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވުމުން އެގައުމަށް ކުރިއަށް ދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

އަމިއްލަ ދަތުރުފުޅެއްގައި ސިންގަޕޫރުގައި ހުންނަވައިގެން ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ވަނީ އިސްތިއުފާގެ ސިޓީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސަށް ފޮނުއްވާފައެވެ. އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ ގޮތަބަޔަ އިސްތިއުފާ ދެއްވައިފި ކަމަށާއި ލަންކާއަށް ދެން ކުރިއަށް ދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އޭނާ ލަންކާގައި ހުންނެވި ނަމަ އެހާއަވަހަށް އިސްތިއުފާ ދެއްވާނެ ކަމަށް އެމަނިކުފާނަށް ގަބޫލުފުޅު ނުކުރެއްވޭ ކަމަށެވެ. އަދި ގޮޓަބަޔާގެ ފުރާނަފުޅަށް ގެއްލުން ވެދާނެ ކަމުގެ ބިރުވެސް އޮތް ކަމަށެވެ.

މީގެ އިތުރުން، މިމައްސަލައިގައި ދިވެހި ސަރުކާރުން އަމަލު ކުރި ގޮތަށް ތައުރީފު ކުރައްވައި ލަންކާގެ ރައްޔިތުންނަށް ހެޔޮއެދިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.



ގޮތަބަޔަ ރާޖަޕަކްސަ ލަންކާގެ ވެރިކަމާ ހަވާލުވެވަޑައިގަތީ 2019 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ.

ލަންކާ ސަރުކާރާއި ދެކޮަޅަށް ރައްޔިތުން ނުކުތީ އެގައުމުގެ އިގްތިސާދީ ހާލަތު ވަރަށް ބޮޑަށް ގޯސްވެ ތެލާއި، އަސާސީ އެހެނިހެން ބާވަތްތައް އެތެރެކުރުމަށް ދަތިވެ، ތަކެތީގެ އަގު އުފުލެން ފެށުމާއި ގުޅިގެން ރައްޔިތުންނަށް ދިރިނޫޅެވޭ ހިސާބަށް ދިޔުމުންނެވެ.

މި އަހަރުގެ މާޗުމަހުގެ ތެރޭގައި އެ ގައުމުން ވަނީ ބޭރު ދަރަނި ދެއްކުން ހުއްޓާލާ، ގައުމު ބަނގުރޫޓުވިކަން އިއުލާނުކޮށްފައެވެ. އެކަމާ ގުޅިގެން ރައްޔިތުން ނިކުމެ ކުރި މުޒާހަރާތައް ހޫނުވެ ރިޔާސީ ގަނޑުވަރާއި ރައީސް އޮފީހަށް ވެސް މުޒާހަރާގެ ބައިވެރިން ވަދެ އެތަންތަން ވަނީ އެމީހުންގެ ބާރުގެ ދަށައް ގެނެސްފައެވެ.

އެންމެފަހުން ގޮތް ހުސްވެ ލަންކާގެ ރައީސް ވަނީ އިސްތިއުފާ ދެއްވަން އެއްބަސްވެވަޑައިގެންފައެވެ. ލަންކާގެ ރައީސް އިސްތިއުފާ ދެއްވިއިރު މީގެ ކުރިން ވެެރިކަމުގެ ބާރުތަށް ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ އާއި ވަނީ ހަވާލު ކުރައްވާފައެވެ. ލަންކާގެ އާ ރައީސް އިންތިޚާބު ކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެެވެ.



ކިޔުންތެރިންގެ ހިޔާލު