މާލޭ ސަރަޙައްދުގައި އުޅޭ މީހުން ދަތުރުދާން ހާއްސަކޮށްގެން ތަރައްގީކުރަމުން އަންނަ ކ. ކުޑަގިރީގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނީ ކުޑަގިރި ޕިކްނިކް އައިލޭންޑްގެ މަސައްކަތް ރެޔާއި ދުވާލު ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ޖެޓީގެ މަސައްކަތުގެ 80 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެ އެވެ.



ކުޑަގިރީގައި ޕިކްނިކް އައިލެންޑެއް ތަރައްގީ ކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މި މަސައްކަތަށް ގާތްގަނޑަކަށް 41.4 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ނިންމާފައެވެ.

މި މަޝްރޫއުގެ ދަށުން އެ ރަށުގައި އަށް ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފަ އެވެ. އަދި 397.27 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާ އަކާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އެޅުން ހިމެނެ އެވެ.



މި ޕްރޮޖެކްޓުގެ ދަށުން ޕިކްނިކް އައިލޭންޑުގެ އިތުރުން އެރަށް ކައިރިން ފިނޮޅެއްވެސް ހަދަން ވަނީ ނިންމާފައެވެ. އެއީ 1.5 ހެކްޓަރުގެ ރަށެކެވެ.

މާލޭގައި ދިރިއުޅޭ ރައްޔިތުން ދަތުރު ދިއުމަށް މާލެ ސަރަހައްދުގައި ރަށެއް ތަރައްގީކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުގެ ތެރޭގަައި ހިމެނޭ ކަމެކެެވެ.



ކިޔުންތެރިންގެ ހިޔާލު