އިބްރާހިމް ފަހީމް   13 ޖުލައި 2022 - 16:45
ސްރީލަންކާގެ ރައީސް ގޮޓާބަޔަ މި ވަގުތު ހުންނެވީ އިތާފުށި ރިސޯޓްގައި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ރޭ މެންދަމުގެ ވަގުތެއްގައި ރާއްޖެ ވަޑައިގެންނެވުމަށްފަހު ރައީސް ގޮޓަބަޔާއާއި އޭނާގެ އާއިލާ މިހާރު ތިއްބެވީ އިތާފުށި ރިސޯޓުގައެވެ. އަދި މިއަދުގެ ވަގުތެއްގައި ރާއްޖެއިން ސިންގަޕޫރަށް ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

ލަންކާގެ ރައީސް މިއަދު އިސްތިއުފާ ދެއްވަން ނިންމަވާފައިވާކަން އިއުލާނު ކުރައްވާފައިވަނިކޮށް، ކުއްލި ގޮތަކަށް ރާއްޖެ ވަޑައިގެންނެވިކަން ހާމަވެފައި ވީނަމަވެސް، ރާއްޖޭގެ ރަސްމީ އެއްވެސް އިދާރާއަކުން އެކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެއެވެ. ނަމަވެސް ބޭރުގެ މީޑިއާތަކުން ވެސް ތުހުމަތު ކުރާގޮތުގައި، ގޮޓާބަޔައަށް ރާއްޖެ އެތެރެވެވަޑައިގެންނެވޭގޮތް މަގުފަހި ކޮށްދެއްވުމުގައި އިސްކޮށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ.

ނަމަވެސް މިހާރު ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރަމުން ދަނީ ރައީސް ގޮޓަބަޔާ ރާއްޖޭގައި ޓްރާންސިޓް ކުރެއްވީ ކަމަށެވެ. ގޮޓަބަޔާގެ ފަހުގެ މަންޒިލަކީ ސިންގަޕޫރު ކަމަށާއި ސިންގަޕޫރުން މިހާރުވަނީ ހިމާޔަތް ދީފައި ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ލަންކާގެ ރައީސަށް ރާއްޖެއިން ހިމާޔަތް ދިންކަމަށްބުނެ އިދިކޮޅުންނާއި އެނޫންވެސް ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އަދި މާލޭގައި އުޅޭ ލަންކާގެ ގިނަ ބަޔަކު މިއަދުވަނީ ގޮޓާބަޔާއަށް ހިމާޔަތް ދިން މައްސަލަ ކުށްވެރިކޮށް އިހުތިޖާޖު ވެސް ކޮށްފައެވެ. ހަވީރު ފެށި މި އިހުތިޖާޖު މާ ގިނައިރުތަކެއް ނުވަނީސް ފުލުހުން ވަނީ ރޫޅާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު