ލަންކާގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސަ ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވި މައްސަލައިގައި ސަރުކާރުން ޖަވާބުދާރީވާންޖެހޭނެކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ލަންކާގެ ރައީސް ގޮޓާބަޔާ ރާޖަޕަކްސަ ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވި މިލިޓަރީ އެއަރކްރާފްޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސުމުގެ ހުއްދަ ދެއްވީ އެމްޑީޕީގެ ރައީސް، މަޖިލިސް ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެނެވެ.

ބައިނަލްއަޤްވާމީ ބައެއް މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި ގޯޓަބަޔާ އަދި އޭނާގެ އާއިލާ ދަތުރުކުރެއްވި އަސްކަރީ މަތިންދާބޯޓު ރާއްޖޭގައި ޖެއްސުމުގެ ހުއްދަ ރާއްޖޭގެ އެއާ ޓްރެފިކް ކޮންޓުރޯލުން ނުދިނެވެ. ނަމަވެސް ރައީސް ނަޝީދު ވަނީ އެކަމުގެ ތެރެއަށް ވަންނަވާ އެ ހުއްދަ ހޯދައިދެއްވާފައިކަމަށް ހަބަރުތައް ބުނެއެވެ.

މިކަމާއި ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ އެއްވެސް ޤައުމެއްގެ މިލިޓަރީ އުޅަނދެއް އަންނަނަމަ ނުވަތަ ރައީސަކު ވަޑައިގަތަސް ޑިޕްލޮމެޓިކް ކްލިއަރަންސް ފޮރިން މިނިސްޓްރީން ނަގަންޖެހޭނެކަމަށެވެ. އަދި މިލިޓަރީ އެެއަރ ކްރާފްޓަކަށް ކްލިއަރަންސް ދެވޭނީ ޑިފެންސް މިނިސްޓްރީގެ ރުހުމާއެކުކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

ގޯޓަބަޔާ އަދި އޭނާގެ އާއިލާ ދަތުރުކުރެއްވި އަސްކަރީ މަތިންދާބޯޓު ރާއްޖޭގައި ޖެއްސުމުގެ ހުއްދަދެއްވީ މަޖިލިސް ރައީސް ނަޝީދުކަމަށް ދެކެވޭ ވާހަކަތަަކަށް އިޝާރާތްކުރައްވައި އާދަމް ޝަރީފް ވަނީ ދައުލަތުގެ 3 ބާރުގެ ތެރެއިން ވެރިކަން ހިންގުމުގެ ބާރުގެ، ބާރުތައް ކެނޑުނީތޯ ސުވާލު ކުރައްވާފައެވެ. އަދި މިކަމަށް ސަރުކާރުން ޖަވާބުދާރީވާންޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"އެއްވެސް ޤައުމެއްގެ މިލިޓަރީ އުޅަނދެއް އަންނަނަމަ، ނުވަތަ ރައީސަކު ވަޑައިގަތަސް ޑިޕްލޮމެޓިކް ކްލިއަރަންސް ފޮރިން މިނިސްޓްރީން ނަގަންޖެހޭނެ. މިލިޓަރީ އެެއަރ ކްރާފްޓަކަށް ކްލިއަރަންސް ދެވޭނީ ޑިފެންސް މިނިސްޓްރީގެ ރުހުމާއެކު. އެގްޒެކްޓިވް ޕަވަރގެ ބާރު ކެނޑުނީތަ؟ ސަރުކާރުން ޖަވާބުދާރީވާންޖެހޭނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.

ހަބަރުތައް ބުނާގޮތުން ގޮޓާބަޔަ ދަތުރުކުރެއްވި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސީ ރޭ މެންދަމުން އަލިވެ 3:00 ޖަހަން އުޅެނިކޮށެވެ. އޭއެފްޕީން ބުނީ ލަންކާގެ ރައީސް ގޮޓާބަޔާގެ ދެކަނބަލުންނާއި ބޮޑީގާޑެއް ރާއްޖެއަށް ފުރާވަޑައިގަތީ އެންޓަނޯވް-32 މަރުކާގެ މިލިޓަރީ އެއާކްރާފްޓެއްގައި ކަމަށެވެ.

ރާއްޖޭގެ އެއާޕޯޓް އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީން ބުނެފައިވަނީ ގޮޓާބަޔަ ރާއްޖެއަށް ވަޑައިގަތުމާ އެކު، ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއެކު ވަނީ އެއާޕޯޓުން ބޭރަށް ގެންގޮސްފައެވެ.

މީގެ ކުރިން ވެސް ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އެގައުމުން ފިއްލަވަން މަސައްކަތް ކުރި ނަމަވެސް އެއާޕޯޓްގެ އޮފިޝަލުން އެކަމަށް ހުރަސް އެޅުމުން ފުރާވަޑަައިގެންނެވޭ ގޮތެއް ނުވިއެވެެ. ގޮޓާބަޔަ ރާއްޖެއަށް ވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހު އާންމުން ގޮސް ރައީސްގެ ގެކޮޅު ހިސާރުކުރުމުގައި އެކު ފިއްލަވައިގެން އުޅުއްވުމަށް ފަހުއެވެެ.

ގޮޓާބަޔަ މި ވަގުތު ރާއްޖޭގައި ހުންނެވި ތަނެއް އަދި ސާފެއް ނުވެއެވެ. މިކަމާ ބެހޭ ގޮތުން ރާއްޖޭގެ ރަސްމީ އިދާރާތަކުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ލަންކާގައި މުޒާހަރާ ކުރާ ފަރާތްތަކުން ވަނީ ގޮޓާބަޔާގެ އިތުރުން ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ ވެސް މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލާފަ އެވެ. އެގޮތުން ގޮޓާބަޔާ މިއަދު އިސްތިއުފާ ދެއްވުމަށް ހަމަޖެހިފައިވާއިރު އާ ރައީސަކު އިންތިހާބު ކުރެވެންދެން ވަގުތީ ގޮތުން ރަނިލް އެގައުމުގެ ރައީސްކަމާ މިއަދު ހަވާލުވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އާ ރައީސަކު އިންތިހާބު ކުރުން އޮންނާނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.



ކިޔުންތެރިންގެ ހިޔާލު