މިއަދު މަގާމުން އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރައްވާފައިވާ ސްރީ ލަންކާގެ ރައީސް ގޮޓާބަޔަ ރާޖަޕަކްސަ ފިއްލަވައިގެން އަސްކަރީ މަތިންދާބޯޓެއްގައި ރާއްޖެއަށް ވަޑައިގެންފި އެވެ.

ބީބީސީ އިން ބުނީ ގޮޓާބަޔަ ދަތުރުކުރެއްވި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސީ ރޭ މެންދަމުން އަލިވެ 3 ޖަހަން އުޅެނިކޮށް ކަމަށެވެ. އޭއެފްޕީން ބުނީ ލަންކާގެ ރައީސް ގޮޓާބަޔާގެ ދެކަނބަލުންނާއި ބޮޑީގާޑެއް ރާއްޖެއަށް ފުރާވަޑައިގަތީ އެންޓަނޯވް-32 މަރުކާގެ މިލިޓަރީ އެއާކްރާފްޓެއްގައި ކަމަށެވެ.

ރާއްޖޭގެ އެއާޕޯޓް އޮފިޝަލުންނާ ހަވާލާދީ އޭއެފްޕީން ބުނެފައިވަނީ ގޮޓާބަޔަ ރާއްޖެއަށް ވަޑައިގަތުމާ އެކު، ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާ އެކު ވަނީ އެއާޕޯޓުން ބޭރަށް ގެންގޮސްފައި ކަމަށެވެ.

ލަންކާގެ އިސް ސެކިއުރިޓީ އޮފިޝަލަކާ ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި ރާއްޖޭގެ އެއާޓްރެފިކް ކޮންޓްރޯލުން، ބޯޓު ޖެއްސުމުގެ ހުއްދަ އެންމެ ފުރަތަމަ ދީފައެއް ނުވެއެވެ. އެހެން ނަމަވެސް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ކަމުގެ ތެރެއަށް ވަންނަވައިގެން ހުއްދަ ލިބުނީ ކަމަށް ސީއެންއެންގައި ވަނީ ރިޕޯޓްކޮށްފައެވެ.

މީގެ ކުރިން ވެސް ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އެގައުމުން ފިއްލަވަން މަސައްކަތް ކުރި ނަމަވެސް އެއާޕޯޓްގެ އޮފިޝަލުން އެކަމަށް ހުރަސް އެޅުމުން ފުރާވަޑަައިގެންނެވޭ ގޮތެއް ނުވިއެވެެ. ގޮޓާބަޔަ ރާއްޖެއަށް ވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހު އާންމުން ގޮސް ރައީސްގެ ގެކޮޅު ހިސާރުކުރުމުގައި އެކު ފިއްލަވައިގެން އުޅުއްވުމަށް ފަހުއެވެެ.

ގޮޓާބަޔަ މި ވަގުތު ރާއްޖޭގައި ހުންނެވި ތަނެއްއަދި ސާފެއް ނުވެއެވެ. މިކަމާ ބެހޭ ގޮތުން ރާއްޖޭގެ ރަސްމީ އިދާރާތަކުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ލަންކާގައި މުޒާހަރާ ކުރާ ފަރާތްތަކުން ވަނީ ގޮޓާބަޔާގެ އިތުރުން ބޮޑުވަޒީރު ރަނިލް ވިކްރަމްސިންހަ ވެސް މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލާފަ އެވެ. އެގޮތުން ގޮޓާބަޔާ މިއަދު އިސްތިއުފާ ދެއްވުމަށް ހަމަޖެހިފައިވާއިރު އާ ރައީސަކު އިންތިހާބު ކުރެވެންދެން ވަގުތީ ގޮތުން ރަނިލް އެގައުމުގެ ރައީސްކަމާ މިއަދު ހަވާލުވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އާ ރައީސަކު އިންތިހާބު ކުރުން އޮންނާނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.



ކިޔުންތެރިންގެ ހިޔާލު